Advertisement

އެފްއެސްއެމްއިން ގާނޫނާ ހިލާފަށް ވަކިކުރި ދެ މުވައްޒަފަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ

31 އޮގަސްޓު 2025 - 18:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެފްއެސްއެމްއިން ގާނޫނާ ހިލާފަށް ވަކިކުރި ދެ މުވައްޒަފަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ

31 އޮގަސްޓު 2025 - 18:46 0

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފަކު ވަކިކުރުމުން، އެ ދެ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދިނުމާއެކު ބަދަލުވެސް ދިނުމަށް މިއަދު އަމުރުކޮށްފި އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަކިވަކިން ބެލި ދެ މައްސަލައެއްގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ދިނުމާއެކު ވަޒީފާ ދޭން އަމުރުކުރީ ފ. މަގޫދޫ، ނޫހިރި، މުހައްމަދު އަމްޖަދު އަދި ސ. ފޭދޫ، އަސަރީގެ، ހުސައިން ޝިރާޒު މޫސާ އަށެވެ.

ޝިރާޒުގެ މައްސަލައިގައި ކުރި ހުކުމުގައި ބުނީ ދެ ފަރާތުން ދެއްކި ވާހަކަތަށާއި ހެކިވެރިޔާގެ ހެކިބަހަށް ބެލިއިރު، އޭނާ ވަޒީފާއިން ވަކިކުރީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއް ނެތި ކަމަށެވެ.

އެގޮތުން ޝިރާޒު އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއް ކަމަށް ނުބަލައި، އޭނާ އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަކޮށްދިނުމުގެ އިތުރުން ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ އުޖޫރައަށްވާ 116،150ރ. ނަގައިދޭން ޖެހޭ ކަމަށެވެ.

މީގެއިތުރުން ގާނޫނީ އެހީތެރިކަން ހޯދުމަށް އޭނާ ހަރަދުކޮށްފައިވާ 20،000ރ. އަކީ އެފްއެސްއެމް އިން ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އަމްޖަދުގެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކުރި ހުކުމުގައި ބުނީ ދެ ފަރާތުން ދެއްކި ވާހަކަތަށާއި ހެކިވެރިޔާގެ ހެކިބަހަށް ބެލިއިރު، އޭނާ ވަޒީފާއިން ވަކިކުރީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއް ނެތި ކަމަށެވެ.

އެގޮތުން އޭނާ ވަޒީފާއިން ވަކިވެފައިވާ ކަމަށް ނުބަލައި، އަނބުރާ ވަޒީފާއަށް ރުޖޫއަކޮށްދިނުމުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 132،450ރ. އެފްއެސްއެމްއިން ދިނުމަށެވެ.

އަމްޖަދު ވެސް ގާނޫނީ އެހީތެރިކަން ހޯދުމަށް ހަރަދުކުރި 20،000ރ. އަކީ އެފްއެސްއެމް އިން ދޭން ޖެހޭ ފައިސާ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެފްއެސްއެމް އިން ޝިރާޒު އަދި އަމްޖަދުއަށް ދޭން ޖެހޭ ފައިސާގެ އިތުރުން އޭނާގެ ވަޒީފާއަށް އަނބުރާ 60 ދުވަހުގެ ތެރޭގައި ތަންފީޒުކުރަން ވަނީ އަމުރުކޮށްފަ އެވެ.