Advertisement

ބިލު ފަރުމާ ކޮށްފައި އޮތީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލޭ ގޮތަށް: މީޑިއާ ކައުންސިލް

31 އޮގަސްޓު 2025 - 15:41 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ބިލު ފަރުމާ ކޮށްފައި އޮތީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލޭ ގޮތަށް: މީޑިއާ ކައުންސިލް

31 އޮގަސްޓު 2025 - 15:41 1

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފަރުމާ ކޮށްފައި އޮތީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކަމަށް ބުނެ އެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފި އެވެ.

މީޑިއާ ކައުންސިލްގެ ރައީސް ހުސެއިން ސަގީފް ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ޑްރާފްޓު ކޮށްފައި ވަނީ އެ ކައުންސިލާ އަދި ނޫސްވެެރިންނާ ވެސް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ އެއްވެސް ވަރަކަށް ދިރާސާއެއް ވެސް ކުރުމެއް ނެތި ކަމަށް ސަގީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ވާހަކަ މި ދައްކަނީ، ދައްކާއިރު އަޅުގަނޑުމެންގެ މަސްލަހަތު ވެސް މިހާރު ގާނޫނީ ގޮތުން ޒިންމާ އުފުލަމުންދާ ފަރާތް ކަމަށްވާއިރު، އަޅުގަނޑުމެންގެ ހުރި ގޮންޖެހުންތަކާއި އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް، އަޅުގަނޑުމެންގެ އިދާރާ މިހާރު ހިނގަމުންދާ ގޮތް ޑްރާފްޓެއް އެކުލެވިގެން ދާއިރުގައި އެއީ ގަބޫލު ކުރެވޭ ކަމެއް، އަޅުގަނޑުމެންގެ ހިޔާލާއި މަޝްވަރާ އެކަށީގެންވާ ގޮތަށް ހޯދަންޖެހޭނެ ކަމަށް، ދިރާސާ ކުރަންޖެހޭނެ ކަމަށް،" ސަގީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން މީޑިއާ ނެތިކޮށްލާ ބިލު މިހާރު ފަރުމާ ކޮށްފައި އޮތް ގޮތުން ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެހެނިހެން އަސާސީ ހައްގުތައް ހަނިވެގެންދާނެ ކަމަށެވެ. އޭގެއިތުރުން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން ވެސް އެ ބިލުން ހަނިކޮށްފައިވާ ކަމަށް ސަގީފް ވިދާޅުވި އެވެ.

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބިލަށް އިސްލާހަށް ހުށަނާޅައި އެ ބިލު ބޭރުކޮށްލަން ފެންނަ މައިގަނޑު ސަބަބުތައް މީޑިއާ ކައުންސިލުގެ މެންބަރުން ވަނީ މިއަދުގެ ކޮމިޓީގައި ފާހަގަކޮށްފަ އެވެ. އެގޮތުން މީޑިއާތައް ރެގިއުލޭޓު ކުރުމަށް އުފައްދަން އެ ބިލުގައި ހިމަނާފައިވާ ކޮމިޝަނަށް ސިޔާސީ ނުފުޒޫ ވަނުމުގެ ފުރުސަތު އޮތުމާއި އެ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރާ މެންބަރުންނަށް ވޯޓު ދެވޭ ހަމަ ގަބޫލު ނުކުރާ ކަމަށް މީޑިއާ ކައުންސިލުގެ މެންބަރު، ނަހުދާ ފާއިޒު ވިދާޅުވި އެވެ.

އޭގެއިތުރުން އެ ކޮމިޝަނަށް އައްޔަނު ކުރާ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައި އޮތުމުން ކޮމިޝަން މެންބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ބާރު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ބިލުގައި ނޫސްވެރިންނަށް ބޮޑެތި ފައިންތަކާއި [ޖޫރިމަނާތަކާއި] މީޑިއާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި އަދި މީޑިއާ އޯގަނައިޒޭޝަންތަކަށް ބޮޑެތި ފައިންތަކާއި ޕެނެލްޓީތައް ކަނޑައެޅިފައި ހުރިއިރު، ނޫސްވެރިންނަށް މި އޮތް ރައްކާތެރިކަމުގެ ވާހަކަ އެއްވެސް ވަރަކަށް މެންޝަން ކޮށްފައެއް ނެތް،" ނަހުދާ ވިދާޅުވި އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ބޭރުކޮށްލަން ބައިނަލްއަގުވާމީ 20 އަށްވުރެ ގިނަ ޖަމިއްޔާއިން ގޮވާލާފައިވާކަން ވެސް ނަހުދާ ފާހަގަކުރެއްވި އެވެ.

އޭނާގެ އިތުރުން ވެސް މިއަދުގެ ކޮމިޓީގައި ވާހަކަދެއްކެވި މީޑިއާ ކައުންސިލުގެ ހުރިހާ މެންބަރުން ވެސް ގޮވައިލީ މިހާރު ހުށަހަޅާފައިވާ ބިލު މަޖިލީހުން ބޭރުކޮށްލުމަށެވެ. އަދި އެ ބިލަށް އިސްލާހެއް ހުށަހެޅުމުގެ ބަދަލުގައި އެ ބިލާ މެދު އަމަލު ކުރަން ފެންނަ ގޮތެއް ބިލަށް ހިޔާލު ހުށަހެޅުމުގެ މުއްދަތުގައި ކޮމިޓީއަށް ލިޔުމުން ފޮނުވާނެ ކަމަށް ވެސް މީޑިއާ ކައުންސިލުގެ މެންބަރުން ވިދާޅުވި އެވެ.