Advertisement

ބީއެމްއެލް އިން 154 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބޮޑު ބިމެއް ގަނެފި

31 އޮގަސްޓު 2025 - 13:45 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް އެއް ހުޅުވައިދެއްވަނީ: އެ ބޭންކުން ހުޅުމާލެއިން ގަތް ބިމުގެ ބޮޑުމިނަކީ 28،000 އަކަފޫޓު --- ފޮޓޯ: ބީއެމްއެލް


ބީއެމްއެލް އިން 154 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބޮޑު ބިމެއް ގަނެފި

31 އޮގަސްޓު 2025 - 13:45 1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 154 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބޮޑު ބިމެއް ގަނެފި އެވެ.

ސިވިލް ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ބީއެމްއެލް އިން ގަނެފައިވަނީ ޖުމްލަ 28،507 އަކަފޫޓުގެ ބިމެކެވެ. ބޭންކުން އެ ބިން ގަތުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކާފައިވަނީ ޖުމްލަ 153،938،394ރ. އެވެ. އެއީ އަކަފޫޓަކަށް 5،400ރ. އެވެ.

އިތުރަށް ބެލި ބެލުމުން ބީއެމްއެލް އިން ގަތް ބިމަކީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮންނަ ސެންޓްރަލް ޕާކުގެ ހުޅަނގު ފަޅީގައި އޮންނަ ބިމެކެވެ. އެ ސަރަހައްދުގައި ސަރުކާރުގެ ގިނަ ކުންފުނިތަކާއި އަމިއްލަ ބޮޑެތި ކުންފުނިތަކުން ވެސް މި ފަހުން ބިން ގަނެ ދަނީ އޮފީސް އިމާރާތްތައް އަޅަމުންނެވެ.

ބެލެވޭ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން ވެސް މި ބިން ގަންނަނީ އެ ބޭންކުގެ މައި އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށެވެ. ނަމަވެސް އެ ބޭންކުން އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ބީއެމްއެލް އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 ރުފިޔާ ލިބުނުއިރު، އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅައިބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް ބޭންކުން ބުންޏެވެ.