Advertisement

ސަރުކާރުގެ އައިނު ފިހާރައަށް ހައްދަން ދޭ އައިނު ނުލިބި ގިނަ ދުވަސްވަނީ

31 އޮގަސްޓު 2025 - 11:17 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސަރުކާރުގެ އައިނު ފިހާރައަށް ހައްދަން ދޭ އައިނު ނުލިބި ގިނަ ދުވަސްވަނީ

31 އޮގަސްޓު 2025 - 11:17 1

ސަރުކާރުގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް އިން ހައްދާ އައިނު ނުލިބި ގިނަދުވަސްވާ މައްސަލަ ބޮޑުވެއްޖެ އެވެ.

އަދަދު އަށް މައުލޫމާތު ދިން މީހަކު ބުނީ އެމްސީޖީއެޗް އޮޕްޓިކަލްސް އިން އައިނު ހައްދަން ނަންބަރު ދިންތާ މަހެއް ފާއިތުވި އިރުވެސް އައިނު ނުލިބޭ ކަމަށެވެ. އޭގެ ސަބަބުން ދިރިއުޅެން އުނދަގޫވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އައިނެއް ވަރަށް އަވަހަށް ހައްދަން ބޭނުންވެގެން އެމްސީޖީއެޗް އޮޕްޓިކަލްސްއަށް ދިޔައީމަ ބުނީ ލޮލުގެ ނަންބަރެއް ނަގަން ދުވަސްނަގާނެ ކަމަށް. އެހެންވެ އައިކެއާއިން ނަންބަރެއް ވަގުތުން ނަގައިގެން ގޮސް އައިނު ހައްދަން ލީ އެމްސީޖީއެޗް އޮޕްޓިކަލްސްއަށް. އެކަމަކު މަހެއްވީއިރު ވެސް އައިނެއް އަތަށް ނުލިބޭ،" އޭނާ ބުންޏެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސް އިން ބުނާ ގޮތުގައި ލޮލުގެ ނަންބަރު ބެލުމަށް އެކަނިވެސް ތިން ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތެއް ނަގަ އެވެ. އެހެންވެ، ލޮލުގެ ނަންބަރު ނަގައިގެން އައިނު ހައްދަން މިހާރު ދޮޅު މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސް އިން ހައްދާ އައިނަށް ބޭނުންވާ ލޮލުގެ ނަންބަރު، ފައިސާ ދީފައި ޕްރައިވެޓް ކްލިނިކެއް މެދުވެރިކޮށް ޕްރިސްކްރިޕްޝަނެއް ހެއްދުމުން ބަލައިގަނެ އެވެ. އެކަމަކު އެ ޕްރިސްކްރިޕްޝަނަކީ އެއް މަސް ހަމަނުވާ ޕްރިސްކްރިޕްޝަނަށް ވާން ޖެހެ އެވެ.

މިކަމާ ގުޅިގެން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު އަދަދު އަށް މި ހިނގާ އޯގަސްޓު 3، ގައި ގުޅުމުން ވިދާޅުވީ އައިނު ހައްދަން ލޮލުގެ ނަންބަރެއް ނަގަން ތިން ހަފުތާ ނަގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ތިން ހަފުތާ އަސްލު ނަގައިގެން ނުވާނެ. އެއަށްވުރެ ފާސްޓުވާނެ. ކޮންމެ ގޮތެއް ވިޔަސް އެތަނުގައި އިންނާނީ ނަންބަރު ނަގަން އެންމެ މެޝިނެއްތާ. އޭގައި ކޮންމެ ދުވަހަކު ކޮންޓިނިއުސްކޮށް ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދޭތެރޭގައި ހިދުމަތް ފޯރުކޮށްދެމުން އެދަނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި ލޮލުގެ ނަންބަރު ނަގަން ވެސް ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ނަގަ އެވެ.

އިބްރާހިމް އަބްދުއްރައްޒާގު ކުރިން ވިދާޅުވީ އެމްސީޖީއެޗް އޮޕްޓިކަލްސްއަށް އުންމީދު ކުރިވަރަށްވުރެ ޑިމާންޑު ބޮޑުވުމުން އެ ލޯޑު، އެތަނުން ދޭ ހިދުމަތަށް ވެސް އަންނަމުންދާ ކަމަށެވެ.

"މިހާރު އަަސްލު އަޅުގަނޑުމެން އުންމީދު ކުރިވަރަށްވުރެ ޑިމާންޑު ވަރަށް ބޮޑު އެނގޭތޯ. އެއީ ހަމަ މީގެއިން މި ފެންނަނީ ރައްޔިތުންނަށް މިކަން ބޭނުންވެފައި އޮތް މިންވަރު އެނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އައިނު ފިހާރައެއް ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މި މަހުގެ ތެރޭގައި ހުޅުވަން ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލެއްގައި ވެސް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.

އާސަންދައިން އައިނު ހެއްދުމަށް ހޭދަކުރާ 2،000ރ. އިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އައިނު ފިހާރަ މެދުވެރިކޮށް ހިލޭ އައިނު ހެއްދޭނެ އެވެ.

ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް "ދެރަ ނިކަމެތިކަން" ދެމުންދާ ކަމަށާއި އެ އާދަ ރާއްޖެއިން ފިލުވާލަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު އެވެ. އެކަމާ ގުޅިގެން ޕްރައިވެޓް ސެކްޓަރުގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް ހެޔޮ ކަމަށް މުއިއްޒު ވިދާޅުވި އެވެ.