Advertisement

ޗައިނާގެ ރައީސް ޝީ އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

31 އޮގަސްޓު 2025 - 08:53 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ޝީ އާއި ރައީސް މުއިއްޒު: ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: ރައީސް އޮފީސް


ޗައިނާގެ ރައީސް ޝީ އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

31 އޮގަސްޓު 2025 - 08:53 0

ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ، ޝީއާއެކު ބޭއްވެވި ބައްދަލުވުމުގައި، ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތައް އަވަސްކޮށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރެއްވިން ކަމަށެވެ.

"ދެ ގައުމުގެ ޑިވެލޮޕްމަންޓު ޕާޓްނާޝިޕް ބިނާވެފައި ވަނީ ހެޔޮ ނިޔަތާއި އެތައް ދަހަރެއްގެ ގުޅުމުގެ މައްޗަށް. މި ގޮތުގައި ދެ ގައުމުގެ ގުޅުން ކުރިއަށް ގެންދަން މި ބައްދަލުވުމުގައި ވަނީ އަޒުމް އާކުރެވިފައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ރާއްޖެ/ޗައިނާ ކޮމްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޝަން ޕާޓްނާޝިޕްގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު މުއިއްޒު ޗައިނާއަށް ވަޑައިގަތީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްއީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މުއިއްޒުގެ ދަތުރުގައި އެހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެ ސަމިޓުގެ ތެރެއިން ކުރިއަށްދާ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ވެސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެފަދަ ބައްދަލުވުމެއްގައި މުއިއްޒު ތަގުރީރެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި އިސްތިރާޖީ ސަބަބުތަކާހުރެ އިގްތިސާދުތައް ރޫޅިގެންދާދިއުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށް ވެސް ވަނީ ހަމަޖެހިފަ،" ސަރުކާރުން ބުނެފައިވެ އެވެ.

އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ.އެ ޖަމިއްއްޔާ އުފެއްދީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.