Advertisement

ރާއްޖެ/ޗައިނާ: ގުޅުން ބަދަހި ކުރަން ދެ ގައުމުން ވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް ޗައިނާއިން ބުނެފި

31 އޮގަސްޓު 2025 - 09:49 0

ލިއު ޖިންސޮން އަދި ފަޒީލް ނަޖީބް: ރާއްޖެއިން ދަނީ ޗައިނާއާ ވާދަވެރި އިންޑިއާއާއެކު ވެސް ގުޅުން ބަދަހި ކުރަމުން -- ފޮޓޯ: ޗައިނާ ފޮރިން މިނިސްޓްރީ


ރާއްޖެ/ޗައިނާ: ގުޅުން ބަދަހި ކުރަން ދެ ގައުމުން ވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް ޗައިނާއިން ބުނެފި

31 އޮގަސްޓު 2025 - 09:49 0

ރާއްޖެއާ ޗައިނާއާ ދެމެދު ގުޅުން ގާއިމް ކުރަން ދެ ގައުމުން ވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ ކަމަށް ޗައިނާ ފޮރިން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އޭޝިއަން އެފެއާޒްގެ ޑިރެކްޓާ ޖެނެރަލް ލިއު ޖިންސޮން ވިދާޅުވެއްޖެ އެވެ.

ރާއްޖެ/ޗައިނާ ގުޅުމާމެދު ލިއު ޖިންސޮން ވާހަކަ ދެއްކެވީ ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ އެމްބެސަޑަރު ފަޒީލް ނަޖީބުއާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

"ދިވެހި ހަރުބަހެއް ކޯޓު ކުރައްވަމުން ލިއު ޖިންސޮން ވިދާޅުވީ، 'ހިތިރަހަ ނުދޭ ކަނޑޫ ކެވޭނީ ކަނޑުލުން ހިތި ފިލުވުމުގެ ބުރަ އުފުލާ މީހުންނަށް' ކަމަށް. ހަމަ އެގޮތަށް ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ދެމެހެއްޓޭނީ ދެ ގައުމުން ވެސް ގަދައަޅާ މަސައްކަތްކޮށްގެން ކަމަށް ޑިރެކްޓާ ޖެނެރަލް ވިދާޅުވި،" ޗައިނާގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.

މުއިއްޒުގެ ދަތުރުގެ ތެރެއިން އެމަނިކުފާނު މިއަދު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައިފަ އެވެ. ދެ ގައުމުގެ ގުޅުން ބަދަހި ކުރަން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހު މުއިއްޒު ޗައިނާއަށް ވަޑައިގަތީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްއީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މުއިއްޒުގެ ދަތުރުގައި ރައީސް ޝީގެ އިތުރުން އެހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޗައިނާ ގާތް ކުރުމަށްފަހު އިންޑިއާއާ ފެއަށް ދިޔުމަށެވެ. ޖެނުއަރީ، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެނބުރި ވެރި ރަށް މާލެއަށް ވަޑައިގެން، އިންޑިއާއާ ދުރަށްޖެހުމުގެ މަގު ޗާޓެއް ވެސް މުއިއްޒު އިއުލާނު ކުރެއްވި އެވެ.

އޭގެ ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް ޗައިނާއާއެކު އޮތް ގުޅުން ވަރުގަދައެއް ނުވި އެވެ. ޗައިނާއިން ހޯދަން ބޭނުންވި އެހީތަކެއް ވެސް އެއިރު ހަމަޖެހިފައެއްނުވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއެކު މުއިއްޒު ދެން ބެއްލެވީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރުމަށެވެ. ގުޅުން ބަދަހި ކުރުމަށްޓަކައި އޮކްޓޯބަރު، 2024، ގައި މުއިއްޒު އިންޑިއާއަށް ވެސް ވަޑައިގަތެވެ. އަދި ގުޅުން ބަދަހި ކުރުމުގެ އެގްރިމެންޓެއްގައި ވެސް އެ ދަތުރުގައި މުއިއްޒު ސޮއި ކުރެއްވި އެވެ.