Advertisement

ކައުންސިލް އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

29 އޮގަސްޓު 2025 - 14:48 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕޯން މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކައުންސިލް އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

29 އޮގަސްޓު 2025 - 14:48 1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރު އޮންނަ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅު ކުރުމަށް އެދޭ ކަމަށެވެ.

ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އެމްޑީޕީން ހުށަހަޅާފައި ވަނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. އެ ޕާޓީން ބުނީ ޝައުގުވެރިކަން ފާޅުކުރާ ފޯމާއެކު ޑިޕާޓުމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމު އެ އިދާރާއިން ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ ޕާޓީން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވޭނީ ސެޕްޓެމްބަރު 30 ގެ މެންދުރުފަހު 2:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރާ މީހުންނަށް އެކަނި ކަމަށެވެ.

ޝައުގުވެރިކަން ފާޅު ކުރާ މީހުންގެ ކިބައިގައި ހުންނާންޖެހޭ ޝަރުތުތަކަކީ:

  • އެމްޑީޕީގެ މެންބަރެއް ކަމުގައިވުން
  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ވާގޮތުގެ މަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނާންޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގަވާއިދުގެ އަށްވަނަ މާއްދާގައި ވާގޮތުގެ މަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނާންޖެހޭނެ ކަމަށް ބަޔާން ކުރާ އެންމެހާ ޝަރުތުތައް

އެމްޑީޕީން ބުނީ ސިޓީތަކުގެ ދާއިރާތަކާއި އަންހެނުންނަށް ހާއްސަ ގޮނޑިތައް މި ވަގުތު ބަލާފައި ވާނީ މިހާރު އަމަލު ކުރަމުންދާ ގޮތަށް ކަމަށެވެ. ނަމަވެސް އެ ދާއިރާތަކަށް ބަދަލެއް ގެންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި ނަމަ އެކަން އަންގާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ކައުންސިލް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އިލެކްޝަނުން އަދި ކަނޑައެއް ނާޅަ އެވެ.