29 އޮގަސްޓު 2025 - 13:50 0
އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ކަލްޔާން ޗޯބޭ: ގިނަ ޕްރެޝަރުތަކަކާ މި ވަގުތު އަންނަނީ ކުރިމަތިލަމުން
29 އޮގަސްޓު 2025 - 13:50 0
ޕަނާޖީ، އިންޑިއާ (އޮގަސްޓް 29) - އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން، އޭއައިއެފްއެފްގެ އަސާސީ ގަވާއިދުގައި ފީފާ އިން ބުނެފައިވާ މާއްދާތައް ހިމަނައި، ތިން ވަނަ ފަރާތެއްގެ ނުފޫޒު ނުފޯރުވޭ ގޮތަށް މައްސަލަތައް ހައްލުކުރަން، އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފީފާ އާއި އޭއެފްސީން އޮކްޓޫބަރު 30 އަށް މުހުލަތު ދީފި އެވެ.
މި މުއްދަތު ތެރޭގައި، އިންޑިއާ އިން މައްސަލަތައް ހައްލުނުކޮށްފިނަމަ، ތިން އަހަރު ތެރޭ ދެ ވަނަ ފަހަރަށް ފީފާ އިން އިންޑިއާ ސަސްޕެންޑްކުރާނެ އެވެ. އިންޑިއާގެ ސުޕްރީމު ކޯޓުގައި އޮތް މައްސަލައަކާ ގުޅިގެން، 2017 އަހަރުން ފެށިގެން ތަކުރާރުކޮށް ފީފާ އިން ދިން މުހުލަތުތަކުގައި ވެސް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އަސާސީ ގަވާއިދު ފީފާ އާއި އޭއެފްސީން ބުނި ގޮތަށް ފާސްކުރެވިފައިނުވެ އެވެ.
މީގެ އިތުރުން، ދާދި ފަހުން، އިންޑިއާގައި ފާސްކުރެވުނު ކުޅިވަރު ގާނޫނުގެ އާ އިސްލާހުގައި ހިމެނޭ ކަންތައްތައް ލައިގެން، އޭއައިއެފްއެފްގެ އަސާސީ ގަވާއިދު ފާސްކުރަން، އިންޑިއާ ސަރުކާރުގެ ޕްރެޝަރުތަކެއް އަންނަ ކަމުގެ ވާހަކަ މީޑިއާގައި ދެކެވެ އެވެ. އެ ގޮތަށް އެކަންކަން ހިނގަމުން އަންނައިރު، ފީފާ އިން މި ވަނީ އޭއައިއެފްއެފް އަށް ސިޓީއެއް ފޮނުވައި، މުއްދަތެއް ދީ ހުރި މައްސަލަތައް ހައްލުކުރަން އަންގައިފަ އެވެ.
ފީފާ އިން ބުނެފައިވަނީ، މި ފަހަރު ދީފައި މި އޮތް މުއްދަތުގައި، މި ކަންކަން ފުރިހަމަނުވެއްޖެނަމަ، ފިޔަވަޅު އަޅަން ޖެހޭ ގޮތަށް ދެން ކުރިއަށްދާނެ ކަމަށެވެ.
އިންޑިއާ ފުޓްބޯޅައިގެ އަސާސީ ގަވާއިދާ ގުޅޭ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި، އެ ކޯޓުގެ ބެންޗުން އަމަލުކުރަމުން އަންނަނީ އެކި ފަހަރު އެކި ގޮތަށެވެ. އެ ސަބަބާ ހުރެ، އިންޑިއާ ފުޓްބޯޅައިގެ މުހިންމު ނިންމުންތަކެއް އޮތީ މަޑުޖެހިފަ އެވެ. އަދި، އިންޑިއާގެ މައި ލީގު، ސުޕަ ލީގު ވެސް ނުފެށި އޮތްއިރު، މި ކަމުގެ ޕްރެޝަރު ވެސް އަންނަނީ ބޮޑުވަމުންނެވެ.
މީގެ ތިން އަހަރު ކުރިން، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު، ސުޕްރީމް ކޯޓުން އައްޔަންކުރި ތިން މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން އެ މަހުގެ 28 ވަނަ ދުވަހު އިންޑިއާ ފުޓްބޯޅައިގެ އިންތިހާބު ބާއްވަން ތައްޔާރުވަމުން ދަނިކޮށް، ފީފާ އިން އިންޑިއާ ސަސްޕެންޑްކުރީ އެ މަހު 15 ވަނަ ދުވަހު އެވެ. އިންޑިއާ، އަށް ފީދާގެ އަދަބު ލިބުމާ އެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމާ އެކު އިންޑިއާ ސަރުކާރުގެ އެދުމާ އެއްގޮތަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ފީފާގެ އެންގުންތަކަށް ބޯލަނބައިފަ އެވެ. ނަތީޖާ އަކަށްވީ ހަފްތާއެއްހާ ދުވަސްތެރޭ ފީފާ އިން އިންޑިއާގެ ސަސްޕެންޝަން އުވައިލުމެވެ.
Comment