29 އޮގަސްޓު 2025 - 13:50 0
އައްޒާމް އަލިފުޅު
29 އޮގަސްޓު 2025 - 13:50 0
ޕެރިސް (އޮގަސްޓް 29) - މާރާމާރީ މައްސަލައެއްގައި މާސޭ އަށް ކުޅޭ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު، އެޑްރިއަން ރަބިއޯ ދޫކޮށްލަން އެ ކްލަބުން ނިންމާފައިވާއިރު، އޭނާ އަށް ގިނަ ޓީމުތަކެއްގެ އޮފާ ލިބިފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފްރެންޗް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި، ރެން އަތުން މާސޭ 1-0 އިން ބަލިވި މެޗަށް ފަހު، ޗޭންޖިން ރޫމުގައި، ރަބިއޯ، 30 އާއި އެ ޓީމުގެ އިނގިރޭސި ކުޅުންތެރިޔާ، ޖޮނަތަން ރޯވް، 22ގެ މެދުގައި މައްސަަލަ ހޫނުވެ، ބޮޑު މާރާމާރީއެއް ވަނީ ހިނގައިފަ އެވެ. މި މައްސަލަ މާސޭގެ މެނޭޖްމަންޓުން ބެލުމަށް ފަހު، ނިންމާފައިވަނީ، ދެ ކުޅުންތެރިން ވެސް ވިއްކާލުމަށެވެ.
މިދިޔަ ސީޒަނުގައި މާސޭ އަށް 31 މެޗު ކުޅެދިން ރަބިއޯ ވިއްކާލަން އެ ކްލަބުން ކިޔާ އަގު އުޅެނީ 15-25 މިލިއަން ޑޮލަރުގަ އެވެ. މާސޭ އަށް މިހާތަނަށް ކުޅުނު މެޗުތަކުގައި ރަބިއޯ ވަނީ 10 ގޯލު ޖަހައިދީފަ އެވެ.
މީގެ ކުރިން ޕީއެސްޖީ އާއި ޔުވެންޓަސް އަށް ކުޅުނު، ރަބިއޯ، 30، މާސޭއާ އެކު، މިދިޔަ އަހަރު ސޮއިކުރީ މި ސީޒަނުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މާރާމާރީގެ މައްސަލައިގައި މާސޭ މެނޭޖްމަންޓުން ރަބިއޯ ދޫކޮށްލަން ނިންމަން މަޖުބޫރުވީ އެވެ.
ރަބިއޯގެ ސޮއި ހޯދަން އޭސީ މިލާނާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި އެސްޓަން ވިލާގެ އިތުރުން، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ޝައުގުވެރިވެ އެވެ. މިލާނުގައި ހުރީ ރަބިއޯއާ އެކު، ކުރިން ޔުވެންޓަސްގައި މަސައްކަތްކުރި ކޯޗު މެސިމޯ އަލެގްރީ ކަމަށްވާތީވެ، އޭނާ އެ ޓީމަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
އެކަމަކު، ޗެމްޕިއަންސް ލީގުގައި ކުޅެން ޓީމު ވަރުގަދަ ކުރަމުން އަންނަ ޓޮޓެންހަމް އިން ރަބިއޯ ބޭނުންވާ މުސާރައިގައި އޭނާ ގެންދަން ހުށަހަޅާފައިވާތީވެ، އާ ޗެލެންޖެއް ނަގަން އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވާން ވެސް ރަބިއޯ ވިސްނާ ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
Comment