އިސްތަންބޫލް، ތުރުކީ (އޮގަސްޓް 29) - ޔުއެފާ ކޮންފަރެންސް ލީގު ކޮލިފައިންގައި ބެސިކްޓާސް ކެޓުމުން އެ ޓީމުގެ ކޯޗަކަށް ހުރި ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކޮށްފި އެވެ.
ކޮންފަރެންސް ލީގުގެ ޕްލޭއޮފްގައި ސްވިޒަލެންޑްގެ ލުސޭން އަތުން ބެސިކްޓާސް ބަލިވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ނާކާމިޔާބުވެ، 2-1 ގެ އެގްރިގޭޓަކުންނެވެ.
ޖެނުއަރީ މަހު، ބެސިކްޓާސްއާ ހަވާލުވި ސޯލްޝެއާ، 52، ވަނީ، އެ ޓީމަށް ތުރުކީ ސުޕަ ލީގުގެ ހަތަރު ވަނަ ހޯދައިދީފަ އެވެ. އެކަމަކު، ކޮންފަރެންސް ލީގުގެ ކޮލިފައިން އިން ބަލިވެ، އެ ކްލަބުން ކަނޑައެޅި ޔޫރަޕްގެ މުބާރާތެއްގައި ކުުޅުމުގެ ޓާގެޓް ހާސިލްނުވުމުން، ސޯލްޝެއާ މަގާމުން ވަކިކުރީ އެވެ.
ބެސިކްޓާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯލްޝެއާ ވަކިކުރުމަކީ އެ ކްލަބްގެ ބޯޑު މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުމެއް ކަމަށެވެ.
ސޯލްޝެއާ ވަނީ، ބެސިކްޓާސް އަށް ޖުމްލަ އެކު، 29 މެޗުގައި އިރުޝާދުދީފަ އެވެ. އޭގެ ތެރެއިން 15 މެޗުން މޮޅުވިއިރު، ނުވަ މެޗުން ބަލިވެ، ފަސް މެޗު ވަނީ އެއްވަރުވެގެން ނިމިފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަކިވި ފަހުން، ސޯލްޝެއާ މި އަހަރުގެ ޖެނުއަރީއާ ހަމައަށް ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އެ މުއްދަތުގައި ތެރޭގައި ގިނަ ޓީމުތަކެއްގެ އޮފާ ސޯލްޝެއާ އަށް ލިބުނެވެ. މި އަހަރުގެ ޖެނުއަރީގައި، 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ބެސިކްޓާސްއާ ގުޅުުނު ސޯލްޝެއާ އަށް ހަތް މަސް ތެރޭ އެ މަގާމު ގެއްލިފަ އެވެ.
Comment