28 އޮގަސްޓު 2025 - 16:24 1
އަމަން ހަލީމް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިން: އުޝާމް ވަނީ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަަމަށް ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް ޔޫޓިއުބް ޗެނަލް
28 އޮގަސްޓު 2025 - 16:24 1
މިނިވަން މީޑިއާ ނައްތާލާ ބިލުގެ ގޮތުގެ ލޭބަލްވެފައިވާ ބިލު ބޭރުކޮށްނުލާނެ ކަމަށް ސަރުކާރުގެ ސްޓޭންޑް ސާފުކޮށްދިނުމާ ގުޅިގެން އެ ނިންމުމާ އިހުތިޖާޖުކުރުމުގެ ގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ނޫސްވެރިންތަކެއް ނިކުމެއްޖެ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ނޫސްވެރިން ނިކުމެގެން ދިޔައިރު، އުޝާމްއާ ސުވާލުކުރި ނޫސްވެރިން ވަނީ މިހާރު ހުށަހަޅާފައިވާ ބިލަކީ ނޫސްވެރިންގެ ހިޔާލު ލިބިގެން ހުށަހަޅަފައިވާ ބިލެއް ކަމަށް ވިދާޅުވާތީ އެކަމާ އިއުތިރާޒުކޮށްފަ އެވެ.
ނޫސްވެރިންގެ ހިޔާލު ލިބިގެން ހުށަހެޅި ބިލެއް ކަމަށް އުޝާމް ވިދާޅުވަމުން ގެންދެވީ، މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން މީޑީއާތައް ރެގިއުލޭޓުކުރުމާ ގުޅިގެން ހުށަހެޅި ކަރުދާހަކަށް ރިއާޔަތްކޮށެވެ. މިއީ އެމްއެމްސީއިން 2022 ގައި ހުށަހެޅި ކަރުދާހެއް ކަމަށް އުޝާމް ވިދާޅުވިއިރު، ނޫސްވެރިން ވަނީ މި ކަރުދާހުގައި ހުރި އެއްޗެއް ނޭނގޭ ކަމަށް ބުނެފަ އެވެ.
ރައީސް އޮފީހުން ނިކުތް ނޫސްވެރިން މީޑިއާތަކާ ވާހަކަދައްކަމުން ބުނީ، މިއަދު ރައީސްއާ އެކީ ބޭއްވި ބައްދަލުކުރުމަށް ފަހު ވަރަށް އުއްމީދުގައި ތިއްބާ، ސަރުކާރުގެ ސްޓޭންޑަކީ ބިލު ބޭރުކޮށްނުލައި އިސްލާހުކުރަން ކަމަށް ބުނުމުން ހިތާމަކުރާ ކަމަށެވެ.
ނަމަވެސް ނޫސްވެރިންގެ ސްޓޭންޑު ވަރަށް ސާފު ކަމަށާއި އިހުތިޖާޖުގައި ތިބި ނޫސްވެރިން ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުގެ ސެކެޓްރީ ޖެނެރަލް ޖުނައިދު ބުންޏެވެ. އޭނާގެ ފަހުން ވާހަކަ ދެއްކި އެ ޖަމިއްޔާގެ ފައުންޑިން މެންބަރު އަދި ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވެސް ވަނީ ޑިމާންޑުތައް އިވެންދެން އިހުތިޖާޖުގައި ތިބޭނެ ކަމަށް ބުނެފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލާ މެދު ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓަސް ސަރުކާރުން ވަނީ އިސްލާހުނުކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެ ބިލު ބޭރުކޮށްލަން ދެކޮޅު ހަދާފަ އެވެ.
Comment