Advertisement

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ހަރުކައްޓެއް ނޫން، ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް: އުޝާމް

28 އޮގަސްޓު 2025 - 15:57 0

އަމަން ހަލީމް

އަމަން ހަލީމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް: އޭނާ ވިދާޅުވީ މިހާރު އޮތް ބިލު ހަރުކަށި ކަމަށް ގަބޫލުނުކުރައްވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ހަރުކައްޓެއް ނޫން، ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް: އުޝާމް

28 އޮގަސްޓު 2025 - 15:57 0

މީޑިއާތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ކޮމިޝަންގެ ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް ބީރު ކަންފަތެއް ދީ އެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސް މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވާ ބިލު އިސްލާހުކުރުމުގެ ބަދަލުގައި އެ ބިލު ބޭރުކޮށްލަން ބޭނުންވާ ކަމަށް ނޫސްވެރިން ޑިމާންޑު ކުރި ފަހުން ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންގެ އޮޕީނިއަންއަކީ މިހާރު މި ހުށަހަޅާއި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް. އަޅުގަނޑެއް ގަބޫލެއް ނުއެއް ކުރަން ބިލު އަނބުރާ ނަގަން ޖެހޭނެ ކަމަކަަށް،" އުޝާމް ވިދާލުވި އެވެ.

ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަަމަށް ވިދާޅުވާ ވާހަަކަ ދިފާއުކުރައްވަން އުޝާމް ބޭނުންކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އޮގަސްޓު، 2022 ގައި ހުށަހެޅި ކަަމަށް ބުނާ ޑްރާފްޓު ބިލެކެވެ. އަދި މިހާރު ހުށަހެޅިފައިވާ ބިލާއި އެ ޑްރާފްޓާ މާ ބޮޑު ތަފާތުތަކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އެއް މިސާލެއްގެ ގޮތުގައި އުޝާމް ނެންގެވީ މީޑިއާތައް ޖޫރިމަނާކުރުމާ ގުޅޭ ގޮތުން ޑްރާފްޓު ބިލާއި މަޖިލީހުގައި މަސައްކަތް ފަށައިގެން އުޅޭ ބިލުގައި ހިމަނާފައި ހުރި ކަންކަމަށެވެ.

ޖޫރިމަނާއާ ގުޅިގެން ދެ ބިލުގައި ހުރި ކަންކަން އަޅައިބަލަމުން، އުޝާމް ވިދާޅުވީ ޑްރާފްޓު ބިލުގައި އޮތީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ފުލުހަށް ވެސް މައްސަލަތައް ހުށަހެޅޭ ގޮތަށް ކަަމަށެވެ. މިގޮތުން ބަލާއިރު "ނޫސްވެރިން ހުށަހެޅި" ޑްރާފްޓު ބިލުގައި ހުރީ މާ ނުރައްކާތެރި މާއްދާތަކެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީޑިއާ ކައުންސިލުން ހުށަހަޅާފައި ހުރި ބިލުގައި ނެތް ވަކި އެކްސްޓްރީމް ކޮން ކަމެއްބާއޭ މިހާރު މަޖިލީހަށް ހުށަހެޅިފައި މި އޮތް ބިލުގައި މި އޮތީ،" އުޝާމް ވިދާޅުވި އެވެ.

އެމްއެމްސީގެ މި ޑްރާފްޓު ބިލުގެ ވާހަކަ ދެއްކެވިއިރު އުޝާމް މުޅިން ވެސް އެ ބިލަށް އިޝާރާތްކުރެއްވީ "މީޑިއާތަކުން ހުށަހަޅާފައިވާ ބިލެއް" އަދި "ތިބޭފުޅުން ހުށަހަޅުއްވާފައިވާ ބިލު" ވިދާޅުވަމުންނެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫން ކަމަށް ބުނެ އެ ތަނުގައި ތިބި ބައެއް ނޫސްވެރިން ވަނީ އުޝާމް އޮޅުވާލަނީ ކަމަށް ބުނެފަ އެވެ. އަދި ފަހުން އެ ނޫސްވެރިން ވަނީ އެ ބައްދަލުވުން ދޫކޮށް ނިކުމެގެން ގޮސްފަ އެވެ.