28 އޮގަސްޓު 2025 - 15:18 0
އަމަން ހަލީމް
ރައީސްއާ ބައްދަލުކުރުމަށް ފަހު ނޫސްވެރިން މީޑިއާތަކަށް މައުލޫމާތު ދެނީ: ރައީސް ހުށަހެޅުއްވީ ކޮމިޓީ މަރުހަލާގައި ބިލު އިސްލާހުކުރަން، ނަމަވެސް ނޫސްވެރިން ޑިމާންޑުކުރީ ބިލު ބޭރުކޮށްލަން -- ފޮޓޯ: އަތޫފް އާތިފް/އަދަދު
28 އޮގަސްޓު 2025 - 15:18 0
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާތީ އެ ބިލު ބޭރުކޮށްލުމާ މެދު ވިސްނަވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް ނޫސްވެރިން މިއަދު ބުނެފި އެވެ.
މުއިއްޒު މި ޔަގީންކަން އެރުވީ، ބިލު ބޭރުކޮށްލަން ގޮވާލައި ރައީސް އޮފީސް ކުރިމަތީގައި އޮންނަ މީޑިއާ ފެންޑާގައި މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިންގެ ޑިމާންޑުތަކަށް ދީލާލައި، ބޭއްވި ބައްދަލުވުމުގަ އެވެ. ރައީސް ނޫސްވެރިންނާ މި ބައްދަލުކުރެއްވީ އިއްޔެއިން ފެށިގެން އެކަމަށް ޑިމާންޑު ކުރަމުން ދަނިކޮށެވެ.
ރައީސްއާ ބައްދަލުކުރެއްވުމަށް ފަހު ރައީސް އޮފީހުން ނިކުމެ، އެ ބައްދަލުވުމުގައި ބައިވެރިވި ދައުރު ނޫހުގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ރައީސްގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވި ކަމަށެވެ.
ރައީސް ދެއްކެވި ވާހަކައިގައި މި ސަރުކާރަކީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާ، މީޑިއާތަކަށް ޕޮޒިޓިވް ސަރުކާރެއް ކަަމަށް ނޫސްވެރިން ގާތު ވިދާޅުވި އެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ނޫސްވެރިން ބޭނުންވާ ބަދަލުތައް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ނޫސްވެރިން ބުންޏެވެ.
ނަމަވެސް މިހާރު އޮތް ބިލު އިސްލާހުކުރަން ކުރަން ޖެހޭ މަސައްކަތަށް ހޭދަވާ ވަގުތަށް ވުރެ، އާ ބިލެއް ފަރުމާކުރުން ފަސޭހަ ވާނެ ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ކުރާ ޑިމާންޑު ދަމަހައްޓާފަ އެވެ. ނޫސްވެރިންގެ މި ޑިމާންޑާ ގުޅިގެން ރައީސް ވިދާޅުވި ކަމަށް ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމުގެ ލަފާ ހޯއްދެވުމަށް ފަހު ބިލާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ނޫސްވެރިން މިހެން ބުނި ފަހުން ރައީސް އޮފީހުން ވަނީ މިއަދު މެންދުރު އުޝާމް ބައިވެރިވެ ވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް އޮތް ކަން އިއުލާންކޮށްފަ އެވެ. ބެލެވެނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނިންމަވާ ގޮތެއް ހާމަކުރައްވާނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment