Advertisement

މެސީގެ ދެ ގޯލާ އެކު މިއާމީ ލީގްސް ކަޕް ފައިނަލަށް

28 އޮގަސްޓު 2025 - 09:11 0


މެސީގެ ދެ ގޯލާ އެކު މިއާމީ ލީގްސް ކަޕް ފައިނަލަށް

28 އޮގަސްޓު 2025 - 09:11 0

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 28) - ލިއޮނަލް މެސީގެ ދެ ގޯލާ އެކު، އޯލާންޑޯ ސިޓީ 3-1 އިން ބަލިކޮށް، އިންޓަ މިއާމީން ލީގްސް ކަޕްގެ ފައިނަލިގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އަންނަ އާދިއްތަ ދުވަހު ފައިނަލުގައި، މިއާމީން ކުޅޭނީ ސެމީ ފައިނަލުގައި، ސިއޭޓަލް ސައުންޑާސް އާއި އެލްއޭ ގެލެކްސީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ފްލޮރިޑާގެ ޗޭސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލީޑުނެގީ އޯލާންޑޯ އިންނެވެ. މި ލަނޑު ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ މާރިއޯ ޕަސާލިޗް އެވެ.

ފާއިތުވި ދެ ހަފްތާ ތެރޭ ދެ ފަހަރެއްގެ މަތިން ފަލަމަސްގަނޑުގެ އަނިޔާ އަކަށް ފަރުވާ ހޯދަން ޖެހުނު މެސީ، ވަނީ މެޗުގެ 77 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މިއާމީ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ، އޯލަންޑޯގެ އޭރިއާތެރެއިން، މިއާމީގެ ޓަޑޭއޯ އަލޭންްޑޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މިއާމީން މި މެޗުގައި ލީޑުނެގި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި ޖޯޑީ އަލްބާ އާއި މެސީގެ ކޮމްބިނޭޝަނުން އުފެއްދި މި އެޓޭކުގައި، މެސީ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި، ލުއިސް ސުއަރޭޒް ދިން ބޯޅައަކުން، ޓެލާސްކޯ ސެގޯވިއާ ވަނީ މިއާމީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މި މެޗުގައި، މިއާމީގެ ކޯޗު ހަވިއޭ މަޝެރާނޯ ހުރީ ސަސްޕެންޝަނެއްގަ އެވެ. މެޗުގައި ޓީމަށް އިރުޝާދުދޭން ބެންޗުގައި އިން ހަވިއޭ މޮރާލޭސް ބުނީ، ޓާގެޓަކީ މި ތަށި މިއާމީއަށް ނަގައިދިނުން ކަމަށެވެ.

މިދިޔަ އަހަރުގެ ލީގްސް ކަޕުން މިއާމީ ކެޓީ ގަދަ 16 ބުރުގައި ކޮލަމްބަސް ކްރޫ އަތުން 3-2 އިން ބަލިވެގެންނެވެ.