28 އޮގަސްޓު 2025 - 09:09 0
މުހައްމަދު ޝަހްޒާން
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މީޑިއާ ކައުންސިލް
28 އޮގަސްޓު 2025 - 09:09 0
ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ވިދާޅުވެ ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ނޫސްވެރިންގެ ކިބައިން އޭނާ މާފަށް އެދެންޖެހޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
މީޑިއާ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކައުންސިލުގެ މެންބަރު، ލީވާން އަލީ ނާސިރު ބުނީ ހުރިހާ ނޫސްވެރިންނަށް ނިސްބަތްކޮށް ފަލާހު ދެއްކެވި ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ.
"ޕީއެންސީގެ ޕީޖީ ލީޑަރު މިއަދު މަޖިލީހުގައި އެ ދެއްކެވި ވާހަކައަކީ ނޫސްވެރިން އުލުބައިންދަންޖެހޭ ވާހަކަ، ކޮންކަހަލަ ވާހަކައެއްތޯ ނޫސްވެރިންނާ ގުޅޭގޮތުން އެ ދެއްކެވީ؟ އަޅުގަނޑު ހަމަ ހައިރާންވޭ، ހަގީގަތުގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަލާހު މިއަދު ޖެހޭނެ ނޫސްވެރިންގެ ކިބައިން މާފަށް އެދެން، އެކަމާ ގުޅިގެން،" ލީވާން ވިދާޅުވި އެވެ.
ލީވާން ބުނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން ފަލާހު ދެއްކެވި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ފަލާހު ދެއްކެވި ވާހަކަތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ލީވާން ބުންޏެވެ.
ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަނީ އާންމުންގެ ނުރުހުން ވެސް އަމާޒުވެފަ އެވެ.
އެގޮތުން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ބަޔަކަށް އަނިޔާވެރިވުމަށް މަޖިލީހުގެ މެންބަރަކު ގޮވައިލުމަކީ ތަހުގީގު ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެފަދަ މީހަކު މަޖިލީހުގައި ހުންނަން ކުފޫ ހަމަވޭތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.
"ޖާނަލިސްޓުން މަރަން މި މީހާ މި ގޮވީ، ކުށް ކުރުމަށް މި މީހާ މި ގޮވީ. މަޖިލިސް އިމްތިޔާޒަކީ ކުށް ކުރަން ފަހި ކުރުމަށް އޮތް އިމްތިޔާޒެއް ނޫން. ރަނގަޅަށް ގާނޫނު ހިނގާ ގައުމެއްގައި މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް ފިޔަވަޅު އެޅޭނެ. މުޅި މަޖިލީހުގައި ބީ*އިން،" ހަސަން ޝަހީރުގެ ނަމުގައި އެކްސް އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.
ފަލާހު ދެއްކެވި ވާހަކައަށް ފާޑުވިދާޅުވެ ގާނޫނީ ވަކީލު، އަހުމަދު މައުރޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދިނުމަށް ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ގޮވައިލުމުން އެމީހުންގެ މަގުސަދާއި ވިސްނުން ހާމަވާ ކަމަށެވެ.
"ވެރިކަން ކުރާ ޕާޓީގެ މެންބަރަކު ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދޭން ގޮވައިލުމުން އެބައިމީހުންގެ ވިސްނުމާއި މަގުސަދު އޮތް ގޮތް ވަރަށް ބޮޑަށް ސާފުވޭ. އަދިވެސް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މި ބިލާ ހަވާލު ވެވަޑައިނުގަންނަވަން، އެކަމަކު މި ބިލު ހަމަ ފާސް ކުރާއިރަށް ތަސްދީގު ކުރައްވާނެ،" މައުރޫފް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީން އަދި މިހާތަނަށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
Comment