Advertisement

ވިލާ ކޮލެޖުން ޖަޖަސް ރެސިޑެންސީ ޕްރޮގްރާމަކާއި ހާއްސަ މަރުކަޒެއް އިފްތިތާހުކޮށްފި

27 އޮގަސްޓު 2025 - 13:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ވިލާ ކޮލެޖުން ޖަޖަސް ރެސިޑެންސީ ޕްރޮގްރާމަކާއި ހާއްސަ މަރުކަޒެއް އިފްތިތާހުކޮށްފި

27 އޮގަސްޓު 2025 - 13:40 0

ވިލާ ކޮލެޖުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގޭ "ޖަޖަސް ރެސިޑެންސީ ޕްރޮގްރާމް" އާއި، ތިމާވެށި އަދި ކަނޑުގެ ގާނޫނީ ދިރާސާތަކަށް ހާއްސަ "ސެންޓަ ފޯ ޓްރާންސްފޮމޭޓިވް އެންވަޔަރަންމަންޓަލް އެންޑް މެރިން ލޯ (ސީޓީއީއެމް)" އިފްތިތާހުކޮށްފި އެވެ.

ވިިލާ ކޮލެޖުގެ ކިއުއައި ކެންޕަސް ހޯލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ރާއްޖޭގެ ގާނޫނީ ތައުލީމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭ އެ ޕްރޮގްރާމާއި ސެންޓަރާ ގުޅޭގޮތުން ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން، އަސްނާ އަޙްމަދު ވިދާޅުވީ މިއީ ވިލާ ކޮލެޖްގެ ތާރީހުގައި ފާހަގަކޮށްލެވޭ ތާރީހީ ކާމިޔާބީތަކެއް ހާސިލްވާ ދުވަހެއް ކަމަށެވެ.

އަސްނާ އަހްމަދު ފާހަގަކުރެއްވި ގޮތުގައި، އެ އިސްނެގުންތަކުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންނަށް ގާނޫނީ ދާއިރާގެ އަމަލީ ތަޖުރިބާ ފޯރުކޮށްދީ، ތައުލީމާއި މަސައްކަތުގެ މާހާއުލު ގުޅުވާލުމެއް ކަމަށެވެ.

މި ހަފްލާގެ ތެރެއިން ޖަޖަސް ރެސިޑެންސީ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޝަރަފުވެރި މެހެމާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އާއިޝާ ޝުޖޫން މުހައްމަދު އެވެ.

ޝުޖޫން ވިދާޅުވީ އަލަށް އިފްތިތާހުކުރެވުނު ޕްރޮގްރާމަކީ ގާނޫނީ ދާއިރާގައި އާ ޖީލެއް ބިނާކުރުމަށް ލިބުނު ވަރަށް ބޭނުންތެރި ވަސީލަތެއް ކަމަށެވެ.

ޖަޖަސް ރެސިޑެންސީ ޕްރޮގްރާމްގެ ދަށުން، ޝަރުއީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ރިޓަޔާޑް ފަނޑިޔާރަކު ރެސިޑެންޓް ޖަޖެއްގެ ހައިސިއްއަތުން ވިލާ ކޮލެޖުގެ ގާނޫނީ ދާއިރާގެ ދަރިވަރުންނާއި މުދައްރިސުންނާ އެކު މަސައްކަތް ކުރާނެ އެވެ.

ޕްރޮގްރާމްގެ މަގްސަދަކީ ގާނޫނީ ތައުލީމުގެ ތިއަރީ އާއި އަމަލީ ހުނަރުތައް ގުޅުވާލައި، ފަނޑިޔާރުންގެ ވިސްނުންފުޅާއި، ޝަރުއީ ނިޒާމާއި، އަދުލުވެރިކަމުގެ އަސާސްތައް ދަރިވަރުންނަށް ސީދާ ފަނޑިޔާރުންގެ ފަރާތުން އުނގަންނައިދިނުމެވެ.

ރެސިޑެންޓް ޖަޖް، ދަރިވަރުންނަށް ލެކްޗާ ދެއްވުމާއި، ދިރާސާތަކަށް އެހީތެރިވުމާއި، މޫޓް ކޯޓް ސެޝަންތަކަށް އިރުޝާދު ދެއްވުމުގައި އިސް ދައުރެއް އަދާ ކުރައްވާނެ އެވެ.

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ފުރަތަމަ ރެސިޑެންޓް ޖަޖްގެ މަގާމަށް، ރިޓަޔާޑް ފަނޑިޔާރު އަބްދުﷲ އަލީ ވަނީ ރަސްމީކޮށް އައްޔަންކުރައްވާފަ އެވެ.

ސީޓީއީއެމް އިފްތާހުކޮށްދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ޑރ. އަމްޒަތު އަހްމަދެވެ. ސީޓީއީއެމް އަކީ ތިމާވެށި އަދި ކަނޑުގެ މައްސަލަތަކަށް ގާނޫނީ ނަޒަރަކުން ހައްލު ހޯދުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ރާއްޖޭގެ ފުރަތަމަ މަރުކަޒެވެ.

އެ މަރުކަޒަކީ ތިމާވެށީގެ ގާނޫނުގެ ދާއިރާއިން ދިރާސާކުރުމާއި، ވަކާލާތު ކުރުމާއި، އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި ގާނޫނީ ދިރާސާތައްކޮށް، ސިޔާސަތުތައް ބައްޓަންކޮށް، ވަކާލާތުކުރާ މައި ހަބެކެވެ.

ބައިނަލްއަގްވާމީ މޫޓް ކޯޓް މުބާރާތްތަކުން ވިލާ ކޮލެޖްގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ހޮންކޮންގްގައި ބޭއްވުނު 20 ވަނަ ވިސް އިންޓަނޭޝަނަލް މޫޓް 2023 ގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނުނެވެ. އަބޫދާބީގައި ބޭއްވުނު 13 ވަނަ މިޑްލް އީސްޓް ވިސް ޕްރީ-މޫޓް ގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ދިވެހި ޓީމްގެ ޝަރަފް ހޯދުން ހިމެނެ އެވެ.

ވިލާ ކޮލެޖް ލޯ ސޮސައިޓީއަކީ، ގާނޫނީ ދާއިރާއަށް ހިދުމަތްކުރުމާއި، މި ދާއިރާ ލީޑާޝިޕް ތަރައްގީ ކުރުމަށް މަސައްކަތްކުރާ ހަރަކާތްތެރި ޕްލެޓްފޯމެކެވެ.

ފެކަލްޓީގެ ސީނިއާ ލެކްޗަރާ، އާމިޝް އަބްދުﷲ ފާހަގަކުރެއްވި ގޮތުގައި، އެ ޖަމިއްޔާއިން "ޕްރޮ ބޯނޯ" (ހިލޭ ގާނޫނީ ލަފާ ދިނުން) ސަގާފަތެއް އާލާކޮށް، އާޓިފިޝަލް އިންޓެލިޖެންސާއި ޖައްވީ ގާނޫނު ފަދަ އައު މައުޟޫތަކަށް މަޝްވަރާކޮށްފައިވެ އެވެ.