Advertisement

ބިލުގެ ފަހަތުގައި ފޮރުވިފައި އޮތީ ރާއްޖޭގެ މިނިވަން މީޑިއާ ސަރުކާރުން ކޮންޓްރޯލް ކުރުން: މޫސާ ލަތީފް

26 އޮގަސްޓު 2025 - 18:05 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން މިއަދު ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަން ބޭއްވި ޕްރެސް ކޮންފަރެންސް. ހިރިގާ، މޫސަ، ފިޔާޒް ވެސް ބިލު އަނބުރާ ގެންދިޔުމަށް ގޮވާލި. --- ފޮޓޯ؛ ފަޔާޒް މޫސާ/މިހާރު


ބިލުގެ ފަހަތުގައި ފޮރުވިފައި އޮތީ ރާއްޖޭގެ މިނިވަން މީޑިއާ ސަރުކާރުން ކޮންޓްރޯލް ކުރުން: މޫސާ ލަތީފް

26 އޮގަސްޓު 2025 - 18:05 2

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ފަހަތުގައި ފޮރުވިފައި އޮތީ ރާއްޖޭގައި މިހާރު އޮތް މިނިވަން މީޑިއާ ހިފަހައްޓައި، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމަށް ތަޖުރިބާކާރު ނޫސްވެރިޔާ އަދި "ދައުރު" ގެ ޗީފް އެޑިޓަރު މޫސާ ލަތީފް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެކެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގައި ވޯޓު ދެއްވާފައި ވަނީ ސަރުކާރު ބޭނުންވާ ގޮތަށެވެ.

މަޖިލީހުގައި މިހާރު ބަހުސް ފަށާފައިވާ އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ބިލް އަނބުރާ ގެންދިޔުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ގޮވާލާފަ އެވެ.

ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލްޓައިމް ނޫސްވެރިޔެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި މޫސާ ލަތީފް ވިދާޅުވީ ބިލަކީ ކަންބޮޑު އެހާމެ ބިރުވެސް ގަންނަ ބިލެއް ކަމަށެވެ.

"މިއީ ކޮމިޝަނެއް އުފެއްދުމުގެ ބިލަށް ވުރެ ނޫސްވެރިން އެއަށް އަމަލުކުރަން ޖެހޭ ގޮތް ވެސް ވަރަށް ބޮޑަށް ހަނިކޮށްފައި މި ބިލުގެ މާއްދާތާކުގައި ހުރީ،" މީގެ ކުރިން "މިހާރު" އާއި "ހަވީރު" ގެ އެޑިޓަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވި އެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނުގައި ހިމެނޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންނެވެ. މީޑިއާތަކުން ހަތަރު މެންބަރުން އިންތިހާބު ކުރާއިރު ޕީއެސްއެމްއަށް އެ ފުރުސަތުގައި އިންތިހާބުވެވޭ ގޮތަށް އޮތުމަކީ ކަންބޮޑުުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އިންތިހާބަށް މިސާލަކަށް ކަމަށް ބަލަންޏާ ސަރުކާރުގެ، ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ފުރުސަތު މިހާރު އެބައޮތް. އޭގެ މާނައަކީ ނޫސްވެރިންގެ ތެރެއިން ބަޔަކު އިންތިހާބު ކުރި ކަމުގައި ވިޔަސް އޭގެ ތެރެއިން ވެސް ކޮންޓްރޯލް ލިބުމުގެ މަގުފަހިވޭ،" ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ވެސް ހާސިލުކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.

އެ ބިލު ފަރުމާ ކުރުމުގައި ހިއްސާއެއް އަދާކުރެއްވި ކަމަށް އެއްބަސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްއަށް ވެސް މޫސާ ރައްދު ދެއްވި އެވެ. ނާޒިމް ވިދާޅުވި ގޮތަށް އެ ބިލަކީ ކުރިއަރާފައިވާ ގައުމުތަކުގައި އޮންނަ ފަދަ ގާނޫނުތަކަށް ބަލައިގެން ފަރުމާކޮށްފައިވާ ބިލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި އެހެން ވިދާޅުވިކަން އެކަނި، އަސްލު ބިލު ބިނާވެފައި މިއޮތީ މެލޭޝިއާ ކަހަލަ ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތް، އެހެން އޮޕޮޒިޝަނަކަށް ވެސް އެހާ ފުރިހަމަކަމާއެކު ނޫސްވެރިކަން ނުކުރެވޭ ތަންތަނުގެ ބައެއް މާއްދާތައް ނަގައި އެއްކޮށްގެން ހަދާފައި މިއޮތީ. އަނެއްހެން ދަންނަވާނަމަ މިއީ ބޮޑު މަސްހުނިގަނޑެއް، ފަހަތުގައި ފޮރުވިފައި އޮތީ ރާއްޖޭގައި މިހާރު އޮތް މިނިވަން މީޑިއާ ހިފަހައްޓައި، ސަރުކާރުން ކޮންޓްރޯލް ކުރުން،" މޫސަ ވިދާޅުވި އެވެ.

މީޑިއާ ނެތިކޮށްލާ ބިލަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އޮތް މިނިވަންކަމެއް ނޫން ކަމަށް މުއިއްޒު ކުރިން ވިދާޅުވުމަށް ފަހު، ރޭ ހދ. ނޮޅިވަރަންފަރުގައި ވިދާޅުވީ ބިލުން އުފެދޭ ކޮމިޝަންގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ހުންނަ ގޮތަށް އޮތުމުގެ ބަދަލުގައި އިސްލާހުކުރާއިރު ކޮމިޝަނުގެ މެންބަރުން ވޯޓުލައިގެން ރައީސް ހޮވޭ ގޮތަށް ބަދަލުކުރަން ޕީއެންސީ މެންބަރުންނަށް އަންގަވާފައިވާ ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ކުރަން މުއިއްޒު ބޭނުން ނުވާ ކަމަށް ވިދާޅުވި ނަމަވެސް، ބިލް ބޭރު ކުރަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް އިޖާބަ ދެއްވައި، އެ ބިލާ ދެކޮޅުމަށް އެ މަނިކުފާނު ބަހެއް ވިދާޅެއް ނުވެ އެވެ. އަދި އެ މަނިކުފާނުގެ ޕީއެންސީން ވެސް ބިލާ ދެކޮޅުކަން ހާމައެއް ނުކުރެ އެވެ.