Advertisement

އިންސާނީ ހައްގުތަކުގެ ގޯސް ޓްރެކް ރެކޯޑެއް އޮއްވައި ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސަކަށް ރާއްޖެ

26 އޮގަސްޓު 2025 - 09:05 0

މެއި ޑޭގެ މުޒާހަރާއަށް ފުލުހުން ހުރަސް އަޅަނީ: ސަރުކާރުން ވަނީ ޖުޑިޝަރީގެ މިނިވަން ވެސް ވަނީ ނައްތާލާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


އިންސާނީ ހައްގުތަކުގެ ގޯސް ޓްރެކް ރެކޯޑެއް އޮއްވައި ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސަކަށް ރާއްޖެ

26 އޮގަސްޓު 2025 - 09:05 0

އިންސާނީ ހައްގުތަކުގެ ގޯސް ޓްރެކް ރެކޯޑެއް އޮއްވައި، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސްގެ މަގަމާށް ރާއްޖެ އިންތިހާބުކޮށްފި އެވެ.

ހިއުމަން ރައިޓްސް ކައުންސިލުގައި ތިބެނީ އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން 47 ގައުމެކެވެ. އެ ކައުންސިލު ޗެއާ ކުރަނީ ރައީސްއަކާއި ހަތަރު ނައިބު ރައީސުން ހިމެނޭ ރޮޓޭޓު ކުރާ ބިއުރޯއަކުންނެވެ. ރާއްޖެ އިންތިހާބުވީ އޭގެ ތެރެއިން އެއް ނައިބު ރައީސްގެ މަގާމަށެވެ. ހިއުމަން ރައިޓްސް ކައުންސިލުގައި ރާއްޖެ ތަމްސީލު ކުރާނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ސަލްމާ ރަޝީދެވެ.

ހިއުމަން ރައިޓްސް ކައުންސިލުގެ މުހިންމު މަގާމަކަށް ރާއްޖެ އިންތިހާބު ކުރިއިރު، އިންސާނީ ހައްގުތައް ނެތިކޮށްލުމަށް ދިވެހި ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްޓުމާއި އެއްވެ އުޅުމުގެ މިނިވަންކަން ނުދިނުމާއި ސިޔާސީ ސަބަބުތަކާހުރެ ވަޒީފާއިން ވަކި ކުރުމާއި ޖުޑިޝަރީގެ ކޮންޓްރޯލް ނެގުން ހިމެނެ އެވެ.

އެކަމަކު، ހިއުމަން ރައިޓްސް ކައުންސިލަށް އިންތިހާބުވުމުން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ސާބިތު ޓްރެކް ރެކޯޑެއް އޮތް ގައުމެއް ކަމަށެވެ.

"ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްއެއްގެ ގޮތުގައި މިއަދު ރާއްޖެ އިންތިހާބުވެ ހާސިލުވި މި މައިލްސްޓޯންގެ ސަބަބުން އިންސާފާއި ހަމަހަމަކަމާއި އިންސާނީ ކަރާމާތުގެ އުސޫލުތައް ހިފެހެއްޓުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވިއިރު، މިނިވަން މީޑިއާ ނެތިކޮށްލަން އެމަނިކުފާނު ފަހަތުގައި ހުންނަވައިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ ނޫސްވެރިންނާއި ނޫސްތައް ކޮންޓްރޯލް ކުރުމާއި ޖޫރިމަނާ ކުރުމާއި ބަންދު ކުރުމުގެ ބާރު ސަރުކާރަށް ލިބޭނެ އެވެ.

އޭގެ އިތުރުން ވެސް، އިންސާނީ ހައްގުތަކަށް ނުބަލައި މުއިއްޒުގެ ސަރުކާރުން ވަނީ ވަރަށް ގިނަ ކަންކަން ރާއްޖޭގައި ކޮށްފަ އެވެ. އޭގެ ތެރޭގައި، ޕީޕަލްސް ނެޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއަކަށް ހުރަސް އެޅުމާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މުޒާހަރާތަކަކަށް ހުރަސް އެޅުމާއި ހިޔާލުފާޅުކޮށްގެން ސަރުކާރުން މުވައްޒަފުން ވަޒީފާއިން ވަކި ކުރުން ހިމެނެ އެވެ.

މިދިޔަ މެއި މަހު ޒުވާނުން އިސް ނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާތަކަށް ވެސް ސަރުކާރުން ހުރަސް އެޅި އެވެ. އަދި އެ މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު ހައްޔަރުކޮށް، އެ ދެ މީހުންނަށް ވަނީ ޖިނާއީ ދައުވާތަކެއް އުފުލައިފަ އެވެ. ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އެ ރަށު ރައްޔިތުން ކުރި މުޒާހަރާއަށް ވެސް ފުލުހުން ހުރަސް އެޅި އެވެ.

ޖުޑިޝަރީ ކޮންޓްރޯލް ކުރުމަށްޓަކައި ޣައިރު ގާނޫނީ ތަހުގީގެއް ހިންގުމަށްފަހު ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށްފަ އެވެ. އަދި ހައި ކޯޓަށް ވެސް މުއިއްޒުގެ ގާތް މީހަކު އައްޔަން ކުރަން ސަރުކާރުން މަސައްކަތް ކުރި އެވެ. ސުޕްރީމް ކޯޓުން ފަނޑިޔާރުންތަކެއް ވަކިކޮށް އެބޭފުޅުންގެ ބަދަލުގައި ދެން އައްޔަން ކުރީ ސުލޫކީ މައްސަލަތަކެއްގައި ވަކިކޮށްފައިވާ ފަނޑިޔާރުންތަކެކެވެ.