25 އޮގަސްޓު 2025 - 12:37 1
އަހުމަދު އާއިދު
ނާވައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ހދ. އަކީ ފައްކާ ކަމާއެކު ޓޫރިޒަމް ހިނގާ އަތޮޅަކަށް ހަދާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
25 އޮގަސްޓު 2025 - 12:37 1
ހދ. އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ އަތޮޅަކީ ފައްކާ ކަމާއެކު ޓޫރިޒަމް ހިނގާ އަތޮޅަކަށް މި ސަރުކާރުން ހަދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހެދުނު ނާވައިދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ މި އަތޮޅުގަ މިހާތަނަށް މި އޮތް. ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވާލަދީ، ޓޫރިޒަމް ފައްކާ ކަމާއެކު ހިނގާ އަތޮޅަކަށް ހެދުމަށް،" މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން މިހާރު ތަރައްގީކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ނާގޯށީގައި ތަރައްގީކުރާ ރިސޯޓާއި ހދ. ގެ މީހުން ދިރިއުޅޭ ރަށްތަކުގައި "ފައްކާ ކުރަން" ސަރުކާރުން ބޭނުންވާ ލޯކަލް ޓޫރިޒަމާއެކު އެ އަތޮޅު ޓޫރިޒަމަށް ފައްކާވެގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރޭ ހަނިމާދޫގައި ހުންނަވައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށް ސަރުކާރުން ބުނި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމޭނީ ނޮވެމްބަރަށް ކަމަށް ވިދާޅުވެފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލަށް 42،000 އަކަމީޓަރު ހުންނަ އޭޕްރަންއެއް ވަނީ ގާއިމުކޮށްފަ އެވެ. އެތަނުގައި އެއްފަހަރާ ހަ ޖެޓް ޕާކް ކޮށްފައި ވެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މި އެއާޕޯޓުގައި އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ މަތިންދާބޯޓުތައް ޖެއްސޭ ވަރުގެ 2.46 ކިލޯމީޓަރުގެ ރަންވޭއެއް ގާއިމުކުރާނެ އެވެ. ހަނިމާދު އެއާޕޯޓު އަޕްގްރޭޑިން ނިމުމުން އެ އެއާޕޯޓުން އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
މިދިޔަ ސަރުކާރުން އަދި މި ސަރުކާރުން ވެސް ބުނާ ގޮތުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީވެ ނިމުމާއެކު އުތުރުގެ، ހާއްސަކޮށް ހއ. އާއި ހދ. ގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދެވޭނެ އެވެ.
Comment