ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅާއި އއ. އަތޮޅަށް ކުރެއްވި ދަތުރު އަދި މިހާރު ހދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުން އެ މަނިކުފާނާއި މި ސަރުކާރުގެ ވިސްނުމުގެ ދަށު ދަރަޖަ ރީތިކޮށް ހާމަކޮށްދެ އެވެ. ތަރައްގީގެ ވިސްނުމެއް، ޕްލޭނެއް ނެތްކަން ކޮންމެ ފިޔަވަޅަކުން، ކަނޑުއްވާ ކޮންމެ ރިބަނަކުން، އަޅުއްވާ ކޮންމެ ބިންގަލަކުން ބުނެދެ އެވެ.
އެންމެ މިސާލެކެވެ. ބީއެމްއެލްއިން ޕީއޯއެސް މެޝިން އާއި އޭޓީއެމް މެޝިން އަދި އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރަން ފެށީ 2023 ވަނަ އަހަރު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހިސާބަކުން ނޫނެވެ. ސާޅީސް އަހަރުގެ ތާރީހެއް އޮތް ބޭންކުގެ ހިދުމަތްތައް މާލެ އާއި އަތޮޅުތަކުގައި ވަކި ޕްލޭނެއްގެ ދަށުން ފުޅާކުރަމުން ދަނީ، ރޭވުންތެރިކަމާއެކު އެއީ ބޭންކުގެ މަސައްކަތުގެ ބައެއްގެ ގޮތުގަ އެވެ.
މީގެ ކުރިން ވެސް ބޭންކުން އަތޮޅުތަކުގައި އޭޓީއެމް މެޝިންތައް ބަހައްޓައި ހުޅުވަމުންދެ އެވެ. ނަމަވެސް އެކަން ކުރަނީ އެ ވަގުތެއްގައި ވެރިކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. މުއިއްޒު ފިޔަވައި އެހެން ރައީސްއެއް އޭޓީއެމް ހުޅުވައި ދެއްވުމަށް ފޯރިއެއް ހުރިތަނެއް ފެނިފެއެއް ނެތެވެ.
ބީއެމްއެލްގެ ޗެއާމަން އަކަށް ކެބިނެޓު ސެކްރެޓަރީ އަހްމަދު އަލީ ހަބީބު އައްޔަން ކުރެއްވުމަށް ފަހު، މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އައްޔަން ކުރެއްވުމަށް ފަހު، ރައްޔިތުންގެ ބޮޑު ހިއްސާ އޮތް ބީއެމްއެލްއިން ކުރަން ނުޖެހޭ އެތައް ހަރަދެއް ކުރަމުން އެ ގެންދަނީ މުއިއްޒުގެ ދަތުރުގެ ފަޅު ފިލުވައި ދިނުމާއި، އެ މަނިކުފާނުގެ ސިޔާސީ ވައުދުތައް ފުއްދައި، ރައްޔިތުންގެ ތާއިދު އެ މަނިކުފާނަށް ހޯދައި ދިނުމަށެވެ.
މި ސަރުކާރުން ދިވެހިރާއްޖެ ޑިޖިޓަލް ކުރުމަށް ބޮޑު މަޝްރޫއެއް ފަށައި، "ދިވެހިރާއްޖެ 2.0" އިއުލާނު އިފުތިތާހުކޮށްފައި ވާއިރު، އެކަމާ އިދިކީލިވާ ގޮތަށް، ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ތަރައްގީއެއް ނޫނެވެ. އަދި ފެން ހިފޭ ސިޔާސަތެއް ނެތްކަން އެނގޭ ކަމެކެވެ.
މި ސަރުކާރު އައިފަހުން، އަށް އަތޮޅެއްގައި 50 އަށް ވުރެ ގިނަ އޭޓީއެމް މެޝިން ބަހައްޓައިފި އެވެ. އދ. އަތޮޅަށް ކުރައްވާ ދަތުރުގައި ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ، އަދި ނޮޅިވަރަމްގެ އޭޓީއެމް މުއިއްޒު ހުޅުވައި ދެއްވާނެ އެވެ.
ގައުމެއްގެ ރައީސް އޭޓީއެމް ހުޅުވައި ދެއްވުމަށް ދަތުރު ކުރައްވާ ހިސާބަށް ވަޑައިގެންނެވުމަކީ ތަރައްގީއެއް ނޫނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތް ހީނަރު ކޮށްލުމެވެ. މިފަދަ ކަންކަމުން ދައްކުވައި ދެނީ މުއިއްޒުގެ ސިޔާސަތަކީ، އެ މަނިކުފާނުގެ ރިޔާސީ ފޮޓޯ އަލްބަމްގައި ވީހާ ވެސް ގިނަ ކަމެއް ފެށި ރައީސްކަން ދެއްކުމާއި، އެންމެ ގިނަ އޭޓީއެމް ހުޅުވި ރައީސްގެ ރެކޯޑު ހެދުން ކަމަށް ވެދާނެ އެވެ.
މިގޮތަށް ރައީސްގެ ވިސްނުންފުޅު ހުރި ނަމަ ކުރިއަށް އޮތްތަނުގައި ބީއެމްއެލްގެ އާ ޕޮސް މެޝިންތައް ފިހާރައިގައި ބެހެއްޓުން އިފުތިތާހުކޮށް ދިނުމަށް ވެސް ރައީސް އަށް ދައުވަތު ދެއްވާނެ އެވެ. ރައީސް ވެސް އުފަލުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ކުރައްވާ ދަތުރުތަކުގެ ތާވަލަށް ބަލައިލުމުން، ރައީސެއްގެ ދަތުރުގެ ތާވަލު ވައްތަރީ ކޮންސްޓަރަކްޝަން ކުންފުންޏެއްގެ ޕްރޮޖެކްޓު މެނޭޖަރެއްގެ ދަތުރަކާ އެވެ. އެތަނުގައި ވެސް ބިންގާ، މިތަނުގައި ވެސް ބިންގާ އެޅުމެވެ. ނަމަވެސް ބިންގާ އަޅާ ޕޮލިސް ސޭޓޭޝަންތަކާއި ކުޅިވަރު ކޮމްޕްލެސްތަކާއި ރަށު ކައުންސިލްތަކުގެ ޑިޒައިންތަކެއް، ހާމައެއް ނުކުރެ އެވެ.
ބިންގާ އެޅުމަށް ހޭދަވާ ވަގުތަށް ވުރެ، ކޮންމެ ރަސްމިއްޔާތަކަށް ރައީސް ވަޑައިގެން ދަމާލާފައި އޮންނަ ސަފުގައި ތިއްބަވާ ވަޒީރު ބޭކަލުންނާއި އެހެން ބޭފުޅުންނާ ސަލާން ކުރައްވަން ހޭދަވާ ވަގުތު ގިނަ އެވެ. މިކަމުން ވެސް ދައްކުވައި ދެނީ، މުއިއްޒު އަމަލީ މަސައްކަތަށް ވުރެ ފޮޓޯ ނެންގެވުމަށް ދެއްވާ ސަމާލު ކަމެކެވެ.
ދައުލަތުގެ މާލީ ހާލަތު އޮތީ އިންތީހާ ދަށުގަ އެވެ. ނަމަވެސް ކައުންސިލްތަކުގެ އިންތިހާބަށް ބިންގާތައް އަޅަމުން ގެންދިޔުމަކީ ތަރައްގީއަށް އޮތް ހަރުދަނާ ވިސްނުމެއް ނޫނެވެ. އެއީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވުމެވެ. އިންތިހާބަށް ކަޑަ ޖެހުމެވެ. މިފަދަ އެތައް ކަޑައެއް މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ޖެހި އެވެ.
މިފަދަ ކަންކަން ހދ. އަތޮޅު ރައްޔިތުންނަށް އަދި އެހެން ރަށްރަށުގެ ރައްޔިތުންނަށް މިހާރު އޮޅުވައިލެވޭނެ ކަމަކަށް ނުފެނެ އެވެ. މިހާރު ހަގީގީ ޕްލެންތަކާއި، ފޮޓޯ ނަގަން ކުރައްވާ ދަތުރުތަކުގެ ތަފާތު ރައްޔިތުންނަށް އެނގެ އެވެ.
ބީއެމްއެލް އެވެ. ރައީސް ބޭނުން ވިޔަސް، އޭޓީއެމް ހުޅުވައި ދިނުމުގައި ބައިވެރި ނުކުރުން އެދެމެވެ. މިހާރު އަހުމަދު އާއި ޝަރީފު ކުރައްވަމުން އެ ގެންދަވާ ކަންކަމުން މުއިއްޒަކީ، ބީއެމްއެލްގެ ބީއެމްއެލްގެ މެސްކޮޓުގެ ގޮތުގައި ފެންނަން ފަށައިފި އެވެ.
މި ހިޔާލު އަހަރެން ހިއްސާ މިކޮށްލީ، ރައީސް މުއިއްޒު ފެންނަނީ އޭޓީއެމްގެ ރިބަން ކަނޑާ ރައީސްގެ ގޮތުގައި ކަމަށް ވާތީ އެވެ. އެންމެ އާދައިގެ ކަންކަން ފެށުމާއި ނިންމުމުގައި ރައީސް ބައިވެރިވެ، އެއީ އެ މަނިކުފާނުގެ ވިސްނުންފުޅާއި އިރުޝާދުގެ ދަށުން ރައްޔިތުންނަށް ކޮށްދެއްވާ ބޮޑު ކަމެއްގެ ގޮތުގައި ދައްކުވައި ދިނުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެކެވެ.
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟ ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.
Comment