24 އޮގަސްޓު 2025 - 17:39 0
އަހުމަދު އާއިދު
ރައީސް މުއިއްޒު ހދ. އަތޮޅުގެ ރަށެއްގައި: މި ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ --- ފޮޓޯ: ރައީސް އޮފީސް
24 އޮގަސްޓު 2025 - 17:39 0
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އާއި އެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެޑައިގަތުމަށް ހއ. އުތީމަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު، ރައީސް މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުގައި އެމަނިކުފާނާއެކު ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ވަޑައިގަންނަވާނެ އެވެ.
ނަމަވެސް، އުތީމަށް ކުރެއްވި ދަތުރުގައި ބައިވެރިވެވަޑައިގެންވި މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހދ. ދަތުރުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރަށް ތިން ދުވަސް ހޭދަވާނެ އެވެ. ދަތުރުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތައް ކަމަށްވާ ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އަށް މުއިއްޒު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއީ މި މަހުގެ ތެރޭ އަތޮޅު ތެރެއަށް މުއިއްޒު ކުރައްވާ ތިންވަނަ ދަތުރެވެ. އެގޮތުން ބ. އަތޮޅަށާއި އއ. އަތޮޅަށް މިދިޔަ ދެ ހަފުތާގެ ތެރޭ އެމަނިކުފާނު ވަޑައިގެންނެވި އެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި މުއިއްޒުގެ މި ދަތުރުތަކަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުތަކެކެވެ.
Comment