Advertisement

ހަނިމާދޫއަށް ބަދަލުވާ ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ގެތަށް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

24 އޮގަސްޓު 2025 - 17:47 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ގެތައް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު އަދި އެޗްޑީސީގެ އެމްޑީ ޒުހައިރު ސޮއިކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް


ހަނިމާދޫއަށް ބަދަލުވާ ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ގެތަށް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

24 އޮގަސްޓު 2025 - 17:47 1

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ހަނިމާދޫގައި ގެތަށް އެޅުމުގެ މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހިރިމަރަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.

މި އެއްބަސްވުމުގެ ދަށުން ހިރިމަރަދޫގައި މިހާރު ދޫކޮށްފައި އޮތް ކޮންމެ ގޯއްޗަކަށް، ހަނިމާދޫއިން ހާއްސަ ކުރެވޭ ސަރަހައްދުގައި ގޯއްޗެއް އަޅާނެ އެވެ. ގެތަށް އެޅުމުގެ އިތުރުން އެ ސަރަހައްދުގެ މަގުތައް ހެދުމާއި މުނިސިޕަލް ހިދުމަތް ގާއިމުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މުނިސިޕަލް މަސައްކަތް ހިމެނޭހެން މި މަސައްކަތް ނިންމައި 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނާއި ހަވާލުކުރެވޭނެ ކަމަށެވެ. ހިރިމަރަދޫގައި މިވަގުތު 150 އަށްވުރެ ގިނަ ގޯތި ދޫކޮށްފައި އެބަ އޮތެވެ.

ގޯތީގެ އިތުރުން، މިހާރު އުޅެމުންދާ ގެތަކުގެ ބަދަލުގެ ގޮތުގައި ވެސް ދައުލަތުން ފައިސާ ދޭނެ ކަމަށާއި އެ އަދަދު އިތުރުވާނެހެން މިހާރު ބަދަލުދެމުންދާ އުސޫލު މުރާޖައާ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ސެޕްޓެމްބަރު، 2024، ގައި އެ ރަށު ކައުންސިލް މެންބަރުން ވަނީ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފްއާ ވެސް ބައްދަލުކޮށް އެ މަޝްވަރާކޮށްފަ އެވެ.

ނަމަވެސް އޭރު އެ ރަށުގެ ރައްޔިތުން ބޭނުންވީ ކ. ތުލުސްދޫއަށް ބަދަލުވާންށެވެ. ހަނިމާދޫ އަކީ އެ ރަށު ރައްޔިތުން ބަދަލުވާން ބޭނުންވެގެން ސިޓީ ފޮނުވި ދެވަނަ ރަށެވެ.

ބޯހިމެނުން 2022 އިން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ. ތައުލީމީ ގޮތުން ގުރޭޑު 10 އާއި ހަމައަށް އެރަށުގައި ކިޔަވާދޭއިރު، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެރަށުން އަންނަނީ ވާދަކުރަމުންނެވެ.