Advertisement

ޑޮނަރުންމާ، ސިޓީއާ އެކު އެއްބަސްވުމަކަށް

24 އޮގަސްޓު 2025 - 13:22 0


ޑޮނަރުންމާ، ސިޓީއާ އެކު އެއްބަސްވުމަކަށް

24 އޮގަސްޓު 2025 - 13:22 0

މިލާން (އޮގަސްޓް 24) - މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލާނެކަން ޔަގީންވެފައިވާ އިޓަލީގެ އެއް ވަނަ ކީޕަރު، ޖިއަންލުއީޖީ ޑޮނަަރުންމާ، މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ޑޮނަރުންމާއާ އެކު، އެ ކްލަބުން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުން އާ ކުރަން ޕީއެސްޖީން ޑޮނަރުންމާއާ އެކު ކުރި މަޝްވަރާތައް ހުއްޓާލައި، ލިލް އަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ގޯލްކީޕަރު، ލޫކަސް ޝެވަލިއޭ، 60 މިލިއަން ޑޮލަރު ދީފައި ވަނީ ގަނެފަ އެވެ.

ސިޓީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި، އެންމެ އަގުބޮޑު އިނގިރޭސި ކީޕަރުގެ ގޮތުގައި، 35 މިލިއަން ޑޮލަރު ދީފައި ޖޭމްސް ޓްރަފޯޑް ގަނެފަ އެވެ. ސިޓީގެ އެއް ވަނަ ކީޕަރު ގޮތުގައި ކުރިން ހުރި އެޑަސަން މޮރާއެސް، ތުރުކީ ސުޕަ ލީގުގެ ގަލަތަސަރާއިއާ ވާހަކަ ދައްކަމުން އަންނައިރު، އެ ޑީލް ކުރިއަށް ގޮސްފިނަމަ، ސިޓީން ވަގުތުން ޑޮނަރުންމާ އަށް ބިޑް ކުރާނެ އެވެ.

ޕީއެސްޖީން ޑޮނަރުންމާ ވިއްކާލަން ކިޔާ އަގު އުޅެނީ، 50 މިލިއަން ޑޮލަރުގަ އެވެ. ސިޓީން ބޭނުންވަނީ، އެ ބިޑަށް ބަޖެޓް ހޯދަން މަދުވެގެން 30 މިލިއަން ޑޮލަރަށް އެޑަސަން ވިއްކާލުމަށެވެ.

ޕީއެސްޖީން މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ފްރާންސްގެ ތިން މުބާރާތުގެ ތަށި ހޯދިއިރު ޑޮނަރުންމާ ވަނީ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޒުވާން އުމުރެއްގައި އޭސީ މިލާނުގެ ފުރަތަމަ ޓީމަށް ކުޅެން ފެށި ޑޮނަރުންމާ، އެ ޓީމު ދޫކޮށްލީ 2021 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގަ އެވެ. މިހާތަނަށް ޕީއެސްޖީ އަށް 161 މެޗު ކުޅެދީފައިވާއިރު، އެ ޓީމާ އެކު، 10 ޓްރޮފީ ހޯދި އެވެ.