Advertisement

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް މުއިއްޒު ބެއްލެވީ މީޑިއާއަށް ފާޑުކިޔުއްވޭތޯ

24 އޮގަސްޓު 2025 - 13:33 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު:


ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް މުއިއްޒު ބެއްލެވީ މީޑިއާއަށް ފާޑުކިޔުއްވޭތޯ

24 އޮގަސްޓު 2025 - 13:33 2

މިއަދު ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް ރައީސް މުހައްމަދު މުއިއްޒު މިނިވަން މީޑިއާއަށް ފާޑުވިދާޅުވެއްޖެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ފަހަތުގައި އޮވެ ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ނޫސްވެރިން މަސައްކަތް ފަށާފައި ވަނިކޮށް، މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަކީ "ތިމާގެ ހިތަށް އައިހާ އެއްޗެއް" ބުނުމުގެ ގޮތުގައި މިއަދުގެ ޖަލްސާގައި މުއިއްޒު ސިފަ ކުރެއްވި އެވެ.

"މި ހޯލު ތެރޭގަ މި ތިބީ އެންމެން. މިސާލެއްގެ ގޮތުގަ މިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން. ތީގެ ތެރެއިން ބޭފުޅަކު ތިމަންނަގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ މިތާ ތެދުވެ އިއުލާނުކޮށްލަންވީ މިތާ ބޮމެއް އެބަ އޮތޭ. [އެހެން] ކިޔާފަ ހަޅޭލަވައިލައްވަންވީ. އެއީ މިނިވަންކަންތޯ. ދެން އެހެން މީހުންގެ ހައްގުތަކަށް އެ ހިސާބުން ވާނީ ކިހިނެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.

ޖޯކެއް، ނުވަތަ މިސާލެއްގެ ގޮތުން ނަމަވެސް ތަނެއްގައި ބޮމެއް އޮތް ކަމަށް ބުނުމަކީ އާންމު އުސޫލުން ސަލާމަތީ ނުރައްކަލެކެވެ. އެފަދަ ކަންކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެ އެވެ. އެކަމަކު އެއީ ހިޔާލުފާޅު ކުރުމާ ގުޅުންހުރި ކަމެއް ނޫނެވެ.

އެފަދަ އިންޒާރެއް ދީފި ނަމަ މީހަކު ހައްޔަރުކޮށް އެތަނެއް ބަލައިފާސްކޮށް އެފަދަ ނުރައްކަލެއް ނެތްކަން ސަލާމަތީ ހިދުމަތްތަކުން ބަލަންޖެހެ އެވެ. މުއިއްޒުގެ ވާހަކަ އާއި ގުޅިގެން މިކަން ފާހަގަކޮށް ބައެއް މީހުން ސޯޝަލް މީޑިއާގައި ޕޯސްޓު ވެސް ކޮށްފައިވެ އެވެ.

މުއިއްޒު މިއަދު ދެއްކެވި ވާހަކައިގައި، ތިމާއަށް އަބުރަކާއި އިއްޒަތެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް އަބުރާއި އިއްޒަތް ލިބިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބިފައި އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ. ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރުމާ ދެކޮޅަށް މުއިއްޒު މި ވާހަކަ ދެއްކީ، މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން މަޖިލީހަށް ބިލެއް ހުށަހަޅާފައި އޮއްވަ އެވެ. އެ ބިލު ބޭރުކޮށްލަން ދިވެހި ނޫސްވެރިންނާއި އިދިކޮޅު ސިޔާސީން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ދަނީ މުއިއްޒަށް ގޮވާލަމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި ވަނީ މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ނެގޭނެ ގޮތަށެވެ. މީޑިއާއަށް އަދި ވަކިވަކި ނޫސްވެރިންނަށް އަދަބު ދީ ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ވެސް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ.