Advertisement

ދުނިޔޭގެ ޖޫނިއާ ސްވިމިން މުބާރާތުގައި ރާއްޖެ އަށް އިތުރު ދެ ގައުމީ ރެކޯޑެއް

24 އޮގަސްޓު 2025 - 08:49 0


ދުނިޔޭގެ ޖޫނިއާ ސްވިމިން މުބާރާތުގައި ރާއްޖެ އަށް އިތުރު ދެ ގައުމީ ރެކޯޑެއް

24 އޮގަސްޓު 2025 - 08:49 0

ރުމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ، ދުނިޔޭގެ ޖޫނިއާ ފެތުމުގެ މުބާރާތް، ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ފެތުންތެރިން، އިތުރު ދެ ގައުމީ ރެކޯޑެއް ހަދައިފި އެވެ.

މި ރެކޯޑްތަކާ އެކު، މި ފަހަރުގެ ޖޫނިއާ މުބާރާތުގައި ގައުމީ ފެތުންތެރިން ހެދި ރެކޯޑްގެ ޖުމްލަ އަދަދު ވަނީ ނުވަޔަކަށް އަރައިފަ އެވެ.

ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ލޫތު މުހައްމަދު ހުސެއިން ވަނީ މި މުބާރާތުގައި ދެ ވަނަ ފަހަރަށް އާ ކޮށްފަ އެވެ. މި ފަހަރު ލޫތުގެ ޓައިމިން އަކީ، 00:31.81 އެވެ. މީގެ ތިން ދުވަސް ކުރިން ހަމަ މި މުބާރާތުގައި ލޫތު ރެކޯޑް ހެދީ، 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:32.67 އިން ފުރިހަމަ ކޮށްގެންނެވެ.

އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑު ވެސް ވަނީ އާ ކޮށްފަ އެވެ. މި ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ 04:28.16 އެވެ. މި ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު، މެރާލް އައިން ލަތީފް، ސާރާ މުހައްމަދު އަދި އައިޝަތު އަލީނާ ޝާހިދު އެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަަހަރު ގައުމީ ޓީމުގައި ހިމެނުނު، އައިމިނަތު ޝަޖަން، އާއިޝަތު ސާޖިނާ، އައިޝަތު ސައުސަން އަދި އަންމާޢު އަޙްމަދު ސަލީމް ފެތި މި އިވެންޓުގެ ޤައުމީ ރެކޯޑު އެ ފަހަރު އާކޮށްފައިވަނީ 04:44.87 އިން އިވެންޓު ނިންމައިގެންނެވެ.

ޖޫނިއާ ގައުމީ ޓީމުން މި މުބާރާތުގައި މީގެ ކުރިން އާކުރި ރެކޯޑްތަކަކީ، އަންހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މެރާލް ހެދި ރެކޯޑާއި ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރާއި 100 މީޓަރު އިވެންޓްގައި، ލޫތު ހެދި ރެކޯޑްްގެ އިތުރުން، އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް ވަނީ އާކޮށްފަ އެވެ. އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، މެރާލް ހެދިއިރު، ލޯންގް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އިޒްޔާން ވަނީ އާކޮށްފަ އެވެ. އަދި، ތަޒްކިޔާ ވަނީ އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް، އާކޮށްފަ އެެވެ.