Advertisement

ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލު ބާތިލުކުރަން އެމްޑީޕީން ކޯޓަށް

21 އޮގަސްޓު 2025 - 17:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އަދި އެ ޕާޓީގެ ރައީސް ޝާހިދު: ކައުންސިލްތަކުގެ ބާރު ހަނިވާނެހެން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލު ބާތިލުކުރަން އެދި އެމްޑީޕީން ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލު ބާތިލުކުރަން އެމްޑީޕީން ކޯޓަށް

21 އޮގަސްޓު 2025 - 17:27 0

ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ބާތިލުކުރަން އިދިކޮޅު އެމްޑީޕީން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އޮގަސްޓު 14، ގައި ރައީސް މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ ގާތްގަނޑަކަށް 100 ކައުންސިލުން އަދި އެމްޑީޕީން އެ އިސްލާހުތަކާ ދެކޮޅަށް ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށެވެ.

އެމްޑީޕީ އިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު ބަދަލެއް ކަމަށެވެ.

އެ ބަދަލުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ބިލު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް މި ހަފުތާގައި މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުގައި ވެސް އެ ބިލު ތަސްދީގު ނުކުރެއްވުމަށް ބައެއް ކައުންސިލްތަކުން މުއިއްޒު އަށް އިލްތިމާސް ކުރި އެވެ. އެ މަނިކުފާނު ބޭއްވި ޖަލްސާތަކުގައި ވެސް ބިލާ ދެކޮޅަށް އެކި ކައުންސިލްތަކުގެ ރައީސުން ވާހަކަ ދެއްކެވި އެވެ.

ރައްޔިތުންގެ މި ހިޔާލަށް ބެލުމެއް، އިހުތިރާމެއް ކުރެއްވުމެއް ނެތި މުއިއްޒު ވިދާޅުވީ މި ބިލުގައިވާ އިސްލާހުތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި މިއީ އެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ގެންނައި ބަދަލުތަކެއް ކަމަށެވެ.

މަޖިލީހުން ފާސް ކުރި ބިލުން ކައުންސިލުތަކަށް ކުރިމަތި ކުރުވާ ހުރަސްތައް

ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް

  • އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުން
  • އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުން
  • ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
  • ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން

ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް

  • އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުން.
  • މާލީ ކަންކަމަށް ނުފޫޒު ފޯރުވުން

  • ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުން
  • ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުން

ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން

  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން
  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ކުރުން
  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާ ކުރުން
  • މިއީ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހެވެ.