Advertisement

ޓޮޓެންހަމަށް ކެހިދިނުމަށް ފަހު އާސެނަލުން އެޒޭގެ ސޮއިހޯދަނީ

21 އޮގަސްޓު 2025 - 11:12 0


ޓޮޓެންހަމަށް ކެހިދިނުމަށް ފަހު އާސެނަލުން އެޒޭގެ ސޮއިހޯދަނީ

21 އޮގަސްޓު 2025 - 11:12 0

ލަންޑަން (އޮގަސްޓް 21) - ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، އެބެރެޗީ އެޒޭ ގެންދަން ޓޮޓެންހަމް ހޮޓްސްޕާސް އިން މަޝްވަރާގެ މޭޒުގައި ތިއްބައި، އެ ޓީމަށް ކެހިދިނުމަށް ފަހު، އާސެނަލުން އެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނު ފަހުން، ފުރަތަމަ ދުވަސްތަކުގައި އާސެނަލުން އެޒޭ، 27، ގެ ސޮއި ހޯދަން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު، ޕެލަސް އިން އޭރު އެޒޭ ވިއްކާލަން ކިޔާ އަގާއި އެ ކްލަބުން ޔުއެފާއާ ދެކޮޅަށް ކުރިއަށްދާ މައްސަލައިގައި ގޮތެއް ނުނިމި އޮތުމުން، މަޝްވަރާތައް ކުރިއަށްނުދިޔަ އެވެ. އެކަމަކު، ފަހުން ޔުއެފާގެ މައްސަލަ ނިމި، އެޒޭގެ ސޮއި ހޯދުމުގެ ކަންކަމުގައި އާސެނަލަށް ވުރެ ހަރަކާތްތެރިކޮށް އުޅުނީ ތޯމަސް ފްރޭންކް ކޯޗުކޮށްދޭ ޓޮޓެންހަމް އިންނެވެ.

އެ ގޮތުން، ޓޮޓެންހަމް އިން 80 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހަޅައިގެން، އެޒޭ ގެންނަން ޓޮޓެންހަމާ އެކު މަޝްވަރާ ކުރަމުން ދަނިކޮށް އާސެނަލުން ވަނީ އެ ޓްރާންސްފާގެ ތެރެއަށް ވަދެފަ އެވެ. އާސެނަލްގެ ކައި ހަވާޓްޒްގެ ކަކުލަށް އަނިޔާވެ، ސީޒަނުގައި ދިގު މުއްދަތަކަށް އޭނާ ނުކުޅެ ހުންނަން ޖެހިދާނެ ކަމަށް ބެލެވޭތީއާ އެކު، އާސެނަލުން ވާދަވެރި ޓޮޓެންހަމުން މަޝްވަރާ ކުރަމުން އައި ޑީލްގެ ތެރެއަށް އެނބުރި އައީ އެވެ.

ރިޕޯޓްތައް ބުނާގޮތުން، 81 މިލިއަން ޑޮލަރު ދީފައި އެޒޭ ގަންނަން އާސެނަލުން މިހާރު ވަނީ ޕެލަސްއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. އެޒޭގެ ފަރާތުން ވެސް މި ޑީލަށް ރުހުން ދީފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިހާރު މަޝްވަރާތައް ދާ ގޮތުން، އެޒޭ، މި ހަފްތާގެ މެޗުުތައް ފެށުމުގެ ކުރިން އާސެނަަލަށް ބަދަލުވުމުގެ ކަންކަން ނިމުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެކަމަކު، ޕެލަސް އިން ބަލަނީ އެޒޭ މި ހަފްތާގައި އެ ޓީމުގެ ދަނޑުގައި ކޮންފަރެންސް ލީގުގެ ކޮލިފައިން އާއި ޕްރިމިއާ ލީގުގެ މެޗަށް ފަހު އެ ޓީމު ދޫކޮށްލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

ޔޫތު ކެރިއަރު އާސެނަލްގައި ވެސް ހޭދަކުރި އެޒޭ، ސީނިއާ ޓީމަކަށް ފުރަތަމަ ކުޅުނީ ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އަށެވެ. ޕެލަސް އަށް ބަދަލުވީ 2020 ވަނަ އަހަރު، 23 މިލިއަން ޑޮލަރުގެ އަގަކަށެެވެ. ޕެލަސް އިން މިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި މި ސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއިރު، އެޒޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.