Advertisement

ގެސްޓުން "އައްޗިކޮށް" އުޅޭ ކަމަށް ވިދާޅުވެ މުއިއްޒުގެ ނުރުހުން ލޯކަލް ޓޫރިޒަމަށް

21 އޮގަސްޓު 2025 - 10:15 8

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އުކުޅަހުގައި ހުންނަވާ ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ ލޯކަލް ޓޫރިޒަމާ ދެކޮޅަށް ނުރުހުން ފާޅުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް


ގެސްޓުން "އައްޗިކޮށް" އުޅޭ ކަމަށް ވިދާޅުވެ މުއިއްޒުގެ ނުރުހުން ލޯކަލް ޓޫރިޒަމަށް

21 އޮގަސްޓު 2025 - 10:15 8

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ކުޑަކުދިންނާއި މުޖުތަމައު ނުރަނގަޅު ކަންކަމަށް ހުށަހެޅޭ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު ލޯކަލް ޓޫރިޒަމް ސިނާއަތަށް އޮތް ނުރުހުން ފާޅުކުރައްވައިފި އެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު އުކުޅަހުގައި ހުންނަވާ ރައީސް މި ވާހަކަ ފެއްޓެވީ ކުޑަކުއްޖަކު ދިން ކަމަށް ބުނާ ނޯޓެއް ކިޔުއްވުމަށްފަހު އެވެ. ނޯޓު ލިބުނީ މި ވާހަކަ ދައްކަން ވިސްނަވައިގެން ހުންނަވަނިކޮށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މި ރަށުގެ ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް ކިޔާލާނަން. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް ހަމަ އޮތް ގޮތަށް ކިޔާލާނަން. 'ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް، މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން.' ވަރަށް ރީތިކޮށް ކުރަހާފަ އޮތް ކުރެހުމަކާއެކު ކުޑަކުދިން އަޅުގަނޑަށް ދިން މެސެޖެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިއީ އެމަނިކުފާނު ވެސް ދައްކާ ވާހަކަ ކަމަށެވެ. އެކަން އެހެން ނުވާ ކަމަށް ގަބޫލުކުރެވެނީ އަމިއްލަ ނަފުސަށް އޮޅުވާލާތީ ކަމަށާއި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދަންވާނީ އިންތަކެއްގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބައެއް ރަށްރަށުގެ ކައިރިއަށް ސަފާރީތައް ގެނެސް، ގެސްޓްހައުސްތަކުގައި ތިބޭ ގެސްޓުން ގެންގޮސް އޭގެން ރާ ބޯން ދީގެން ރަށަށް ގެންނަ ކަމަށާއި އެފަދައިން އޮޅުވާލަން މަސައްކަތް ކުރަނީ ކާކަށްތޯ ސުވާލުކޮށް މުއިއްޒު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

"އަޅުގަނޑުމެން ކޮން މުއްސަނދި ކަމެއްތޯ މި ހޯދަނީ އެކަލާނގެ ނުރުއްސަވާ މަގަކުން. ކޮން ބަރަކާތެއްތޯ އޭގަ އޮންނާނީ. ކޮން ޝޯޓުކަޓެއްތޯ ނަގަން މި މަސައްކަތް ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދަން ޖެހޭނީ އިސްލާމް ދީނުގައި އޮންނަ ގޮތަށް ކަމަށާއި މި ސަރުކާރުން އެގޮތަށް އެކަން ކުރާ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ، އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ވިސްނުމަކަށް ވާންވީ އެގޮތަށް އެކަން ކުރުން ކަމަށް ވިދާޅުވެފަ އެވެ.

މި ވާހަކައިގެ ތެރެއިން މުއިއްޒު ވަނީ، އެމަނިކުފާނު އާންމުކޮށް ދައްކަވާ ވާހަކައެއް ތަކުރާރުކުރައްވާފަ އެވެ. ސިކުނޑިއަށް ތަރައްގީ ނުލިބި، ވިސްނުން ތަރައްގީ ނުވެ ބަނދަރާއި މަގު ހަދައިގެން ގެންނަ ތަރައްގީ އަކީ އެއްވެސް ބޭނުމެއް ނެތް އެއްޗެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.