Advertisement

މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް އެމްއެފްޑީއޭއިން ބުނި ކޮފްސީ ސިރަޕް ރާއްޖޭގައި މަނާކޮށްފި

20 އޮގަސްޓު 2025 - 20:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް އެމްއެފްޑީއޭއިން ބުނި ކޮފްސީ ސިރަޕް ރާއްޖޭގައި މަނާކޮށްފި

20 އޮގަސްޓު 2025 - 20:56 0

ތަހުލީލުން މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިދިޔަ އަހަރު ބުނި ކެއްސާތީ އާންމުކޮށް ބޭނުންކޮށް އުޅޭ ކޮފްސީ ސިރަޕުގެ ކޮލިޓީ މައްސަލައެއް ދިމާވެ, އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން ނެރުނު އެލާޓެއްގައި ބުނީ ކޮފްސީ ސިރަޕުގެ ކޮލިޓީ މައްސަލައެއް ފާހަގަކުރެވުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ ބޭހުގެ މާކެޓް ސަވައިލަންސް ކުރުމުގެ ތެރެއިން ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 19، ގައި ކޮފްސީ ބޭހުގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރަން ތަހުލީލުތަކެއް ހަދަން ނިންމައި އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން އެމްއެފްޑީއޭއިން މަނާކުރި އެވެ.

އެކަމަކު ތަހުލީލުތަކަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29، ގައި އެމްއެފްޑީއޭއިން ބުނީ ކޮފްސީ ސިރަޕުގައި އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ބޭސް އޭރު އެތެރެކުރުމާއި ވިއްކަން އަދި ބޭނުންކުރަން ވެސް ހުއްދަ އަލުން ދިނެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ އެއްވެސް ފާމަސީއެއްގައި ކޮފްސީ ސިރަޕް ހުރިނަމަ، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްހީ މައްސަލަ ދިމާވެގެން އެމްއެފްޑީއޭއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއިން ވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތެއް ބޭނުންވާނަމަ އެމްއެފްޑީއޭގެ ހޮޓްލައިން 7200321 އަށް ގުޅަން އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.