Advertisement

ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުގެ ތިންވަނަ ދައުރުގައި ހުށަހަޅަނީ

20 އޮގަސްޓު 2025 - 10:23 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މުއިއްޒު. މި ސަރުކާރުން ގެންދަނީ އެތަކެއް ބޭކާރު ހަރަދެއް ކުރަމުން --- ފޮޓޯ: ރައީސް އޮފީސް


ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުގެ ތިންވަނަ ދައުރުގައި ހުށަހަޅަނީ

20 އޮގަސްޓު 2025 - 10:23 0

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ފެށޭ ދައުރަށް ހުށަހަޅާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ މަތިވެރީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީ އަށް އެ ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެގެން ކަމަށެވެ.

މި ސަރުކާރުން އިންތިހާއަށް ބޭކާރު ހަރަދު ކުރަމުން ގެންދާއިރު، ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ސަބަބަކަށް މުއިއްޒު ވިދާޅުވެފައި އޮތީ ދައުލަތުން ހިނގާ ހަރަދު ބޮޑުވުމެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރު ބޭއްވުމަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

ދެ އިންތިހާބު އެއްކޮށް ބާއްވައިފި ނަމަ ދިވެހިރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކީ ދެ އިންތިހާބު އެއްކޮށްލުން ކަމަށާއި އޭރުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އިއްޔެ މަތިވެރީގައި މުއިއްޒު ވިދާޅުވީ މިހާރު އޮތް ބަރުހެލި ނިޒާމަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި "މިހާރު މި އޮންނަ ގޮތަށް ހަރަދު ބޮޑު ގޮތަށް، އެއްވެސް މާނައެއް ނެތް ގޮތަށް މި ނިޒާމު ބޭއްވުމުގެ މާނައެއް ނެތް" ކަމަށެވެ.

މި ބަދަލާ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ދެކޮޅު ހައްދަވާފަ އެވެ. މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ފަހު މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ތަނަކީ މަޖިލީހަށް ވުމުން ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ހޮވިފައި ދެން ރައްޔިތުންގެ މަޖިލިސް ހޮވާ ކަމަށްވަންޏާ ރައްޔިތުންނަށް އެނގޭނެ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމަށްޓަކައި މުހިންމޭ އިދިކޮޅުގެ މީހުން ހޮވަން. ވަނީ އެހެނެއް ނޫން. މިފަހުން މަޖިލިސް ދިޔައީ ސަރުކާރާ ދިމާލަށް. އެއީ ރައްޔިތުންގެ ނިންމުމެއް. މިހާރު ރައްޔިތުންނަށް އެ ނިންމުމުގެ ބާރު އެބައޮތް. މިހާރު އެ ޕްރޮޕޯސްކޮށްފައި އޮތް ގޮތަށް ހަދައިފިއްޔާ ރައްޔިތުންނަށް ނޭނގި ތިބެ ވޯޓު ލާނީ. އެއީކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން," އޭނާ ވިދަޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި ގޮތެއް އެމްޑީޕީން ނިންމާފައި ނުވެ އެވެ. ބެލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ހުށަހެޅުމަށް އެ ޕާޓީން ތާއީދެއް ނުކުރާނެ އެވެ.

އާންމުކޮށް ބާއްވާ އިންތިހާބުތައް ފިޔަވައި ރައްޔިތިންގެ ފެންނަ ނުފެންނަ ވޯޓެއްގެ ނަގައިގެން އެންމެ ފަހުން ކަމެއް ކަނޑައެޅީ ގާނޫނު އަސާސީގައި ވެރިކަން ހިންގާ ނިޒާމު ކަނޑައެޅުމަށެވެ.