19 އޮގަސްޓު 2025 - 10:51 2
ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި: ނޫސްވެރިންގެ އިހުތިޖާޖުގައި ބޮޑެތި ހުރިހާ ނޫސްތަކުން ބައިވެރިވި -- ފޮޓޯ: އަދަދު
19 އޮގަސްޓު 2025 - 10:51 2
މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ސަރުކާރުން ރާވަގައިގެން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން، ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ހަވާލު ކުރަން ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގޮސްފި އެވެ.
ރައީސް އޮފީހަށް މިއަދު ދިޔަ ނޫސްވެރިންގެ ތެރޭގައި "އަދަދު" އާއި "މިހާރު" އަދި "ދައުރު" ގެ ނޫސްވެރިން ހިމެނެ އެވެ. ނޫސްވެރިން ރައީސް އޮފީހަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގައި ހިމޭން އިހުތިޖާޖެއް ކުރުމަށްފަހު އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ހިޔާލު ރައީސް މުއިއްޒަށް ކިޔައިދިނުން. މިހާރު މިތާ ތިބެގެން މި ސިޓީ ލިޔަނީ. އަޅުގަނޑުމެން ދާނީ ސިޓީ ރައީސް އޮފީހާ ހަވާލުކޮށްފަ،" ރައީސް އޮފީހުގައި މިވަގުތު ހުރި ނޫސްވެރިޔަކު ބުންޏެވެ.
މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ހުށަހެޅި އެ ބިލަށް ވަރަށް ގިނަ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ބިލު އަނބުރާ ގެންދަން މީޑިއާ ކައުންސިލުން ވެސް ވަނީ ގޮވާލައިފަ އެވެ.
"މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު މި އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް މި ބިލުގައި ހިމަނާފައިވޭ،" އެމްއެމްސީން ބުންޏެވެ.
އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުން ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
"އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.
އެ ބިލާ ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ރޭ ވާހަކަ ދެއްކެވި އެވެ. ފައްޔާޒް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ނޫސްވެރިންނާއި މީޑިއާތަކަށް ލިބިދީފައިވާ ހިމާޔަތް ނިގުޅައިގަންނަން ކަމަށެވެ.
"މީޑިއާ ރެގިއުލޭޝަން ބިލަކީ، ދިވެހިރާއްޖެއިން މިނިވަން މީޑިއާ ނެތިކޮށްލުމަށް މުއިއްޒު ރާއްވަވާފައިވާ ރޭވުމެއް. މީޑިއާއަކީ ޑިމޮކްރަސީއެއްގެ މައިބަދަ. ހުށަހަޅާފައިވާ ބިލުން ނޫސްވެރިންނާ މީޑިއާތަކަށް ލިބޭ ހިމާޔަތް ނިގުޅައިގަނެވި، ރެގިއުލޭޓަރީ ކޮމިޝަނުގެ ސީދާ ބަރު ރައީސްއަށް ލިބޭނެ،" ފައްޔާޒް ވިދާޅުވި އެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment