18 އޮގަސްޓު 2025 - 17:28 1
ފްލެޓު ހަވާލު ނުކުރާތީ މުޒާހަރާ ކުރި ބަޔަކު: ފްލެޓު ލިބޭ މީހުން އަދިވެސް މުޅިން ކަށަވަރެއް ނުވޭ -- ފޮޓޯ: އަދަދު ފައިލް
18 އޮގަސްޓު 2025 - 17:28 1
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ނަން އޮތް މީހަކު ފަހުން ޑިސްކޮލިފައި ކުރުމުން އެ މައްސަލަ ކޯޓަށް ވައްދައިފި އެވެ.
ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދުނީ ވަގުތީ އަމުރަކަށެވެ. ވަގުތީ އަމުރުގައި އެދިފައި އޮތީ އޭނާއަށް ލިބޭނެ ކަމަށް ކަނޑައެޅި ފްލެޓު އެހެން މީހަކާ ހަވާލު ނުކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
"އަޅުގަނޑުގެމެންގެ އުއްމީދަކީ މިގޮތަށް ދިމާވެފައި ހުރި ވަކިވަކި ބޭފުޅުންގެ މައްސަލަތައް ކޯޓަށް ވެއްދުން. އެގްރިމެންޓު ލިބިފައި، މިވެނި ޓަވަރަކުން މިވެނި ފްލެޓެއް ލިބިފައި ހުރި ބޭފުޅުންގެ ފްލެޓުތައް އެހެން ފަރާތަކަށް ނުދިނުމަށް އަމުރުގައި އެދިފައިވާނީ،" މައްސަލަ ހުށަހެޅުމުގައި އެހީތެރިވެދެއްވާ މާލޭ ސިޓީ ކައުންސިލުގެ މެންބަރު ސައިފް ފާތިހު ވިދާޅުވި އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އާ ފްލެޓު ލިސްޓެއް އެކުލަވައިލާށެވެ. ނަމަވެސް ފަހުން ބުނީ ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓަށް ފްލެޓު ދޫކުރާނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން އަނެއްކާ ވެސް ބުނަމުންދަނީ ފްލެޓު ހަވާލު ކުރާނީ އެމީހަކަށް ފްލެޓު ހައްގުވާކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
ސަރުކާރުން އެގޮތަށް އަމަލު ކުރާތީ ފްލެޓު ލިސްޓުގައި ނަން އޮތް ނަމަވެސް ފްލެޓު ލިބޭކަން އަދިވެސް ޔަގީނެއް ނުވެ އެވެ. ފްލެޓު އެގްރިމެންޓުގައި ސޮއި ކުރަން ދިޔަ ބައެއް މީހުން ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެމީހުން ފޮނުވާލީ ސަރުކާރުން އަންގައިގެން ކަމަށް ފްލެޓު ދޫކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ.
ފްލެޓު ހަވާލު ކުރުމުގެ އެގްރިމެންޓު ވެސް ސަރުކާރުން ފަރުމާކޮށްފައި ވަނީ ވަރަށް ނުރައްކާތެރިކޮށް ކަމަށް، ފްލެޓު ލިބުނު މީހުންގެ ހައްގުތައް ރައްކާތެރިކަން މަސައްކަތް ކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން ބުނެ އެވެ. އެގްރިމެންޓު ހަދާފައި ވަނީ، ކިތަންމެ ގިނަ ދުވަހަކު ކުލި ދެއްކުމަށްފަހު ވެސް ޕޭމަންޓެއް ނުދެއްކިއްޖެ ނަމަ ފްލެޓު އަތުލެވޭ ގޮތަށެވެ.
އޭގެ އިތުރުން، ފްލެޓަށް ކޮންމެ މަހެއްގެ 10 ގެ ކުރިން ކުލި ނުދެއްކިއްޖެ ނަމަ ޖޫރިމަނާތަކެއް އަރާ ގޮތަށް ވެސް ވަނީ އެގްރިމެންޓުގައި ހިމަނައިފަ އެވެ.
Comment