18 އޮގަސްޓު 2025 - 10:29 1
ހަސަން މުހައްމަދު
މ. މުލައް: ކައުންސިލުގެ އުމުރުން ބާކީ އަހަރެއް ނެތް ނަމަ ބިން ކުއްޔަށް ދޫކުރުން ގާނޫނުން މަނާ -- ފޮޓޯ: ކަނޑޫފާ ވިލެޖް
18 އޮގަސްޓު 2025 - 10:29 1
ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުން މަނާކޮށްފައި އޮއްވައި މ. މުލަކު ކައުންސިލުން 10 އަހަރަށް ހަތަރު ބިމެއް ކުއްޔަށް ދޫކުރަން އިއްޔެ އިއުލާނުކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކައުންސިލެއްގެ އުމުރުގައި ބާކީ އެއް އަހަރު ނެތް ނަމަ އެ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ އެއްވެސް ސަރަހައްދެއް ކުއްޔަށް ދޫކުރަން މަނާ ވެ އެވެ.
މުލަކު ކައުންސިލުން އިއުލާނު ކުރީ މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރަން ހަތަރު ބިމެއް ކުއްޔަށް ދޫކުރުމަށެވެ. އެއީ މީގެ ކުރިން ވެސް ކުއްޔަށް ދޫކޮށް، މިހާރު މުއްދަތު ހަމަވެފައި ހުރި ބިންތަކެކެވެ. މުލަކު ކައުންސިލުން ދެކެނީ މީގެ ކުރިން ވެސް އެ ބިންތައް ކުއްޔަށް ދޫކޮށްފައިވާތީ، މުއްދަތު ހަމަވެގެން އަލުން ކުއްޔަށް ދޫކުރުން ގާނޫނުން މަނާނުވާނެ ކަމަށެވެ.
"އެއީ މީގެ ކުރިން ވެސް އަޅުގަނޑުގެން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކެއް. އަޅުގަނޑުމެން ގަބޫލު ކުރަނީ އަލަށް ކުއްޔަށް ދޫކުރަން ކަމަށް ގާނޫނުން މަނާވަނީ،" މުލަކު ކައުންސިލުގެ ރައީސް އަހުމަދު ޖަމާލް އަދަދު ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ބިން ކުއްޔަށް ދިނުމުގެ މަސައްކަތް މުލަކު ކައުންސިލުން ކުރިއަށް ގެންދާއިރު، ގާނޫނުން މަނާކޮށްފައިވާތީ، ބިން ކުއްޔަށް ދޫކުރުމުގެ ކަންކަން ގދ. ގައްދޫ ކައުންސިލުން ވަނީ އިއްޔެ މަޑުޖައްސާލައިފަ އެވެ. ގައްދޫ ލޭންޑް ޔޫޒް ޕްލޭނުގައި 12 ބިމެއް ކުއްޔަށް ދިނުމަށް އޮތީ ހިމަނައިފަ އެވެ.
"... ވުމާއިއެކު، 2025 ޖޫން 29 އިން މިމުއްދަތާއިހަމައަށް ވިޔަފާރީގެ އެކި ބޭނުންތަކަށް ބިން ހޯދުމަށް އެދި މިކައުންސިލްގައި އެދިފައިވާ ބާރަ ކުލީ ބިމުގެ މުއާމަލާތު ހިންގުމަށް ގާނޫނު މަހުދޫކޮށްފައިވާތީ، މިބިންތައް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކައުންސިލުން މަޑުޖައްސައިފިން،" ގައްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.
މުލަކު ކައުންސިލުން އިތުރަށް ބުނީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެ ކައުންސިލުން ހިންގަން ބޭނުންވެފައި ހުރި ވަރަށް ގިނަ މަޝްރޫއުތަކަށް ހުރަސްއެޅޭ ކަމަށެވެ. ރަށުން ގޯތި ދޫކުރުމާއި ޓުއަރިޒަމް ޒޯންގެ ބިންތައް ކުއްޔަށް ދިނުން އޭގެ ތެރޭގައި ހިމެނޭ ކަމަށް މުލަކު ކައުންސިލުން ބުނެ އެވެ،.
"ގޯތި ދޫކުރުން ވެސް މަޑުޖެހިފައި އޮތީ. އެއީ އަޅުގަނޑުމެންގެ އެލްޔޫޕީގައި ވެސް ހިމެނޭ ކަމެއް. ޖުމުލަ 60 ގޯތި ދޫކުރަން މި އުޅެނީ. ޓުއަރިޒަމް ޒޯނުން ބިން ދޫކުރުން ވެސް މަޑުޖެހިފައި އޮތީ،" ކައުންސިލުގެ ރައީސް ޖަމާލް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ނުކުރުމަށް ގާތްގަނޑަކަށް 80 އަށް ވުރެ ގިނަ ކައުންސިލުން އެދިފައި އޮއްވައި، ރައީސް މުހައްމަދު މުއިއްޒު އެ އިސްލާހުތައް ތަސްދީގު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ. ބިން ކުއްޔަށް ދޫކުރުމަށް ހުރަސް އެޅުމުގެ އިތުރުން، ކައުންސިލުތަކުން ވިޔަފާރި ކުރުމަށް ލިބިދޭ ވަރަށް ގިނަ ބާރު ވެސް އެ އިސްލާހުތަކުން ވަނީ ނިގުޅައިގެންފަ އެވެ.
ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް
ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް
މާލީ ކަންކަމަށް ނުފޫޒު ފޯރުވުން
ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން
Comment