17 އޮގަސްޓު 2025 - 18:23 0
17 އޮގަސްޓު 2025 - 18:23 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު އެކުލަވާލަން ކުރާ މަސައްކަތުގައި ރީޖަނަލް ލީގުތައް ފެށުމަށްޓަކައި، "އެޓޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައި ފަށާ މުބާރާތްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
އެފްއޭއެމް މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ އެސޯސިއޭޝަން އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މި އަހަރު ފެށުމަށް ތާވަލްކޮށްފައިވާ 'އެޓޯލް ޗެމްޕިއަންޝިޕް' ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފައިވާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ ([email protected]) އީމެއިލް އަށް ފޮނުއްވުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.
- ނޯތު ރީޖަން – 1 އޮކްޓޯބަރު 2025 އިން 30 ނޮވެމްބަރު 2025
- ސެންޓްރަލް ރީޖަން – 15 ނޮވެމްބަރު 2025 އިން 30 ޑިސެމްބަރު 2025
- ސައުތު ރީޖަން – 1 ޑިސެމްބާރ 2025 އިން 15 ފެބްރުއަރީ 2026
އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ ސީޒަން ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.
ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.
Comment