އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ.
ނިއު ދެއްލީ، އިންޑިއާ (އޮގަސްޓް 16) - އަންނަ އޮކްޓޯބަރު މަހުން ފެށިގެން މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކްސް ކުޑަކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ސަރުކާރުން އިއުލާނުކޮށްފި އެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިއުލާން ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. މިއީ މިހާރު އެ ގައުމުގެ އިގުތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅެކެވެ.
އެގޮތުން، 12 ޕަސެންޓާއި 28 ޕަސެންޓާ ދެމެދު ބައެއް މުދަލުން ނަގަމުން އައި ޓެކްސް ފަސް ޕަސެންޓާއި 18 ޕަސެންޓަށް ކުޑަކުރާނެ އެވެ. އޮކްޓޯބަރުގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލުގެ ކުރިން މި ބަދަލުތައް ގެންނާނެ އެވެ.
އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ މުދަލުން ނަގާ ޓެރިފް ރޭޓު ބޮޑުކުރުމަށް ނިންމުމާއެކު އިންޑިއާގެ އިގުތިސޯދަށް ކުރިމަތިވާނެ ކަމަށް ބެލެވޭ ގޮންޖެހުންތަކުން އަރައިގަތުމަށް މޯދީގެ ސަރުކާރުން ހާއްްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ.
އަމިއްލަ ގައުމުގައި އުފައްދާ ތަކެތި ޕްރޮމޯޓް ކުރުމަަށް މޯދީ ވަނީ ގޮވާލައްވާފަ އެވެ. އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.
ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ސަބަބުން 500 ބިލިއަންގެ އާމްދަނީއެއް ގެއްލޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެއީ އިންޑިއާގެ އުފެއްދުންތެރިކަމުގެ 0.15 ޕަސެންޓެވެ.
Comment