17 އޮގަސްޓު 2025 - 11:01 0
ލީވާން އަލީ ނާސިރު
ޖޭއެސްސީގެ އާންމު މެންބަރަކަށް އައްޔަނުކުރަން ފާސްކުރި އިދްރީސް ފައުޒީ: އޭނާ އެ މަގާމަށް އައްޔަނުކުރަން ފާސްކުރިތާ މަހެއްވީއިރު ވެސް މަގާމަށް އައްޔަނުކޮށްފައެއް ނުވޭ
17 އޮގަސްޓު 2025 - 11:01 0
ޖުޑީޝަލް ސާވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ އައްޔަން ކުރަން ފާސްކުރިތާ މަހެއް ފާއިތުވި އިރު ވެސް އެ މަގާމަށް އޭނާ އައްޔަނެއް ނުކުރެ އެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އިދްރީސް އައްޔަނު ނުކޮށް ދިގުލައިގެންދާ ސަބަބު ސާފުކުރަން ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދުއާ އަދަދު އިން ސުވާލުކުރުމުން މިހާތަނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ޖޭއެސްސީގެ އާންމު މެންބަރަކަށް ހުންނެވި އާމިނަތު އުއްމުކުލްސޫމްގެ ދައުރު ހަމަވުމުން އޮގަސްޓް 7، ގައި އޭނާ ކޮށްދިން ހިދުމަތަށް ކޮމިޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ޖޭއެސްސީގެ މެންބަރަކަށް ވުމަށް އެދި ހުށަހެޅި އަށް މީހުންގެ ތެރެއިން އިންޓަވިއު ކުރީ ހަ މީހަކާ އެވެ. އެ މީހުންގެ ތެރެއިން 75 އަށް ވުރެ ގިނަ މާކްސް ހޯދި ހަތަރު މީހެއްގެ ނަން މަޖިލީހުގެ ތަޅުމަށް ޖުޑީޝަރީ ކޮމިޓީއިން ފޮނުވި އެވެ.
މިގޮތުން ޖުލައި 15، ގައި އޮތް މަޖިލިސް ޖަލްސާގައި އިދްރީސް އައްޔަން ކުރަން ފާސްވީ 62 މެންބަރަކު ވޯޓު ދެއްވި އެވެ. ކޮމިޓީން 81 މާކްސް ލިބުނު އިދުރީސްގެ ނަން ފާސްކުރުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ދެ މެންބަރަކު ވޯޓު ނުދެއްވަ އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އިދުރީސް ފައުޒީ މިހާތަނަށް ގާނޫނީ އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކޮށްފައެއް ނެތެވެ. މިކަމާ ގުޅިގެން ފައުޒީއާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
މައުލޫމާތު އެނގޭ ބައެއް މީހުން މި ނޫހަށް ކިޔައިދިން ގޮތުގައި ފައުޒީ ފުރަތަމަ ވަޒީފާ އަދާކުރީ ކަލައިދޫ ސްކޫލުގެ ޓީޗަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު މާލެ ބަދަލުވެ ހައުސިން މިނިސްޓްރީގެ މަގާމެއްގައި ހުރީ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ.
އޭނާ ހައުސިން މިނިސްޓްރީގައި އުޅުނީ އޭރުގެ މިނިސްޓަރު މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި ކަމަށާއި އަދި ދިމްޔާތު ގެސްޓު ހައުސް ހިންގެވުމަށް ވެސް އުޅުނު ކަމަށް އެ މައުލޫމާތު އެނގޭ އޭނާގެ ގާތް މީހަކު ބުންޏެވެ.
ސައުދާއާ ކައިވެނި ކުރީ ހައުސިން މިނިސްޓްރީގެ ވަޒީފާގައި އުޅުނު ދުވަސްވަރު ކަމަށް ބައެއް މީހުން ބުންޏެވެ. ފައުޒީ އާއި ސައުދާގެ ދަރިން ވެސް އެބަ ތިއްބެވެ. މިހާރު ފައުޒީ ހުރީ ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment