Advertisement

ޓްރެފިކަށް ލުޔެއް ދިނުމަށް މާލޭ މެދުޒިޔާރަތް މަގު ހުޅުވާލަން އާޒިމް ހުށަހަޅުއްވައިފި

16 އޮގަސްޓު 2025 - 10:46 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާދަމް އާޒިމް: ބައެއް ގަޑިތަކުގައި ހުޅުވާލައި ނުވަތަ ބައެއް ގަޑިތަކުގައި ބަންދު ކުރާ ގޮތަށް ވިޔަސް މެދުޒިޔާރަތް މަގު ހުޅުވާލަން ފެންނަ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ޓްރެފިކަށް ލުޔެއް ދިނުމަށް މާލޭ މެދުޒިޔާރަތް މަގު ހުޅުވާލަން އާޒިމް ހުށަހަޅުއްވައިފި

16 އޮގަސްޓު 2025 - 10:46 3

މާލޭގެ އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮންނަ މެދުޒިޔާރަތް މަގު ހުޅުވައިލުމަށް މާލޭގެ ބައެއް ރައްޔިތުން އެދެމުންދާތީ، އެކަމާ މެދު މާލެ ސިޓީ ކައުންސިލުން ގޮތެއް ނިންމުމަށް މޭޔަރު އާދަމް އާޒިމް ހުށަހަޅުއްވައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ ކައުންސިލުން ރައްޔިތުންނާއެކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ބައެއް ރައްޔިތުން މެދުޒިޔާރަތް މަގު ހުޅުވާލަން އެދިފައިވާތީ، އެކަން ޓްރެފިކް ކޮމިޓީން ބެލުމަށްފަހު ލަފައެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.

"ރައްޔިތުންގެ ބައްދަލުވުމުގައި ސަލްޓަން ޕާކް މަގު ހުޅުވާލުމަށް ރައްޔިތުން އެދެމުންދިޔަ އަސްލު. އެހެންވީމަ ތިބޭފުޅުންވެސް ވިސްނާލާފައި އަދި ޓްރެފިކް ކޮމިޓީން މިކަން ބައްލަވާފައި އަޅުގަނޑުމެންނަށް ސަޖެއްޝަނެއް ދެއްވުން ވަރަށް މުހިންމު މިކަމުގައި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ބައެއް ގަޑިތަކުގައި ހުޅުވާލައި ނުވަތަ ބައެއް ގަޑިތަކުގައި ބަންދު ކުރާ ގޮތަށް ވިޔަސް މެދުޒިޔާރަތް މަގު ހުޅުވާލުމުން މާލޭގެ ޓްރެފިކަށް ލުޔެއް އަންނާނެ ކަމަށް ބެލެވޭ ކަމަށާއި ސަރުކާރާ ވެސް މަޝްވަރާކޮށްގެން އެ މަގު ހުޅުވާލަން ތާއީދު ކުރައްވާ ކަމަށެވެ.

"ބައެއް ދުވަސް ދުވަހު ބަންދުކޮށްފައި ނޫނީ ބައެއް ގަޑިގަޑީގައި ބަންދުކޮށްފައި، އަނެއް ބައި ގަޑިއިރު ހުޅުވާފައި ބާއްވަން ވެސް އެތަނަށް ބަދަލު ގެނެވިދާނެ. އެއީ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް އަންނާނެ އަޅުގަނޑަށް ވެސް ފެންނަ ފެނުމުގައި އެތަނަށް އެކަން ކޮށްފިކަމަށްވަންޏާމުން،" އާޒިމް ވިދާޅުވި އެވެ.

ތޮށްޖެހިފައިވާ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައެޅުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީން ތައްޔާރުކޮށް މި އަހަރު ނެރުނު ރިޕޯޓުގައި ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށް ދުއްވާ އުޅަނދުގެ އަދަދު 89،413 ގައި ހިފެހެއްޓުމަށެވެ. އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ 1000 މީހަކަށް 321 ވެހިކަލެވެ.

ރިޕޯޓުގައި ފާހަގަކޮށްފައި ވާގޮތުން:

  • މާލެ ސަރަހައްދުގައި މިހާރު 119،472 ވެހިކަލް ދުއްވާ، އޭގެތެރެއިން 103،300 އަކީ ސައިކަލު
  • މާލެ ސަރަހައްދުގައި މިހާރު ދިރިއުޅޭ ކޮންމެ 1000 މީހަކަށް 473 ވެހިކަލް ބޭނުންކުރޭ
  • އޭގެތެރެއިން ރޯޑް ވާދިނަސް ފުރިހަމަ ކޮށްގެން ދުއްވަނީ އެންމެ 23.5 ޕަސެންޓް ވެހިކަލް
  • 2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 150،074 ވެހިކަލް އެތެރެކޮށްފައިވޭ