15 އޮގަސްޓު 2025 - 06:33 0
ފަލަސްތީނުގެ ރެފިއުޖީ ދެ ކުދިންނާ އެކު، ޔުއެފާގެ ރައީސް ޗެފެރިން (ކ).
15 އޮގަސްޓު 2025 - 06:33 0
އުޑީން، އިޓަލީ (އޮގަސްޓް 15) - އިޒްރޭލަަށް އަދަބުދޭން ގޮވާލާ އަޑުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި، ޔުއެފާ އިން އެ ފެޑެރޭޝަނުން ކުޑަކުދިންގެ ހައްގުގައި ކުރާ މަސައްކަތުގެ ވާހަކަތައް ޔުއެފާގެ ރައީސް ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ދައްކަވައިފި އެވެ.
އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި، ފަލަސްތީނުގެ ޕެލޭގެ ނަމުން މަޝްހޫރު ވެފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ، ސުލެއިމާން އަލް އޮބެއިދު މަރުވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި، ޔުއެފާ އިން ކުރި ޕޯސްޓާ އެކު، ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު މުހިންމު ސުވާލެއް ކުރިމަތިކުރި އެވެ.
އަލް ޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 41 އަހަރުގެ އޮބެއިދު މަރުވެފައިވަނީ، މީހުންނަށް ކާބޯތަކެތި ބަހަން ހަރަކާތްތެރިވާ މީހުންނާ އެކު، އެ މަސައްކަތުގައި އުޅެނިކޮށް، މިދިޔަ ބުދަ ދުވަހު، އިޒްރޭލުން ދިން ހަމަލާތަކުގަ އެވެ. ގާޒާގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ކައިރީގައި، ހަރަކާތްތެރިވި ބަޔަކަށް އިޒްރޭލުން ދިން ހަމަލާގައި، ފަލަސްތީނުގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ އޮބެއިދު މަރުވިކަން، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މީޑިއާ އަށް ޔަގީންކޮށްދީފަ އެވެ.
އޮބެއިދުގެ މަރާ ގުޅިގެން ޔުއެފާ އިން އެކްސްގައި (ކުރިން ޓްވިޓާގައި) ކުރި ޕޯސްޓުގައި ލިޔެފައިވަނީ، ފަލަސްތީނުގެ ޕެލޭގެ ނަމުން މަޝްހޫރުވެފައިވާ، އޮބެއިދު އަށް ހެޔޮދުއާކުރާ ކަމަށާއި އޭނާގެ ހުނަރުން ގިނަ ކުދިންތަކަކަށް، އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އުންމީދުތަކެއް ލިބިފައިވާ ކަމަށެވެ. އެއާ އެކު ސަލާހު، އެ ޕޯސްޓު ޝެއާކޮށް ލިޔެފައިވަނީ، އޮބެއިދު މަރުވި ގޮތާއި ކިހިނެއް، ކޮންތާކުކަން ބަޔާންކޮށް ނުދެވެނީ ކީއްވެތޯ އަހައިފަ އެވެ.
އޭގެ ފަހުން، މިދިޔަ ބުދަ ދުވަހުގެރޭ، ޔުއެފާ ސުޕަ ކަޕް މެޗުގެ ކުރިން، ޔުއެފާ އިން ވަނީ، އާންމުން ނުމެރުމަށާއި ކުޑަކުދިން ނުމެރުމަށް ބުނެ ބެނާއެއް ދައްކާލައިފަ އެވެ. ޔުއެފާ އިން މި ކަމާ ގުޅޭގޮތުން، ބުނެފައިވަނީ، މިއީ ވަކި ކަމަކަށް ރިއާޔަތްކޮށް ކުރި ކަމެއް ނޫން ކަމަށާއި މިއީ، ކުޑަކުދިންގެ ހައްގުގައި، އިންސާނިއްޔަތަށްޓަކައި، ޔުއެފާގެ ފައުންޑޭޝަން ފޯ ޗިލްޑްރެންގެ ހަރަކާތެއް ކަމަށެވެ.
އިޒްރޭލަށް ފިޔަވަޅު އަޅަން، ފަލަސްތީންގެ ފުޓްބޯޅަ ފެޑެރޭޝަނުން ގޮވާލައިފައިވާއިރު، ޔުއެފާ އިން، ޔޫކްރެއިން ހަނގުރާމައިގައި ގޮތް ނިންމައި، ރަޝިއާ އަށް ދީފައި އޮތް އަދަބު، ފަލަސްތީނަށް އަރައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އިޒްރޭލަށް ދޭން ޖެހޭ ކަމަށް ވެސް ގިނަ ގައުމުތަކުން އަންނަނީ ބުނަމުންނެވެ.
މި ހުރިހާ ކަމެއްގެ ވާހަކަ އެއް ފަރާތް ކުރައްވައި، ޔުއެފާގެ ރައީސް ޗެފެރިން ވިދާޅުވީ، ހަނގުރާމަތަކުގެ ސަބަބުތައް ގުޅިފައި އޮތީ ބޮޑެތި މީހުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށާއި އޭގެ ސަބަބުން ކުޑަކުދިންނަށް ގެއްލުން ލިބުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. ހަނގުރާމައިގެ ހަަމަލާ އާއި ބަނޑުހައިހޫނު ކަން ތަހައްމަލުކުރަން ޖެހި، އެތައް ކުޑަކުދިންނެއްގެ ފުރާނަ ގެއްލިގެންދިއުމަކީ ބަލަން ފަސޭހަ ކަމެއް ނޫން ކަމަށާއި މީގެ ކުރަން ޖެހޭ ކަންކަމަށް ޔުއެފާގެ ފައުންޑޭޝަނުން އިސްނަގާނެ ކަމަށް، ވަކި ގައުމެއްގެ ނަން ފާހަގަނުކުރައްވައި، ކުޑަކުދިންގެ ހައްގުގައި ވާހަކަ ދެއްކެވި ޗެފެރިން ވިދާޅުވި އެވެ.
ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ބޭއްވި ސުޕަ ކަޕް މެޗުގެ ނިންމުމުގެ ރަސްމިއްޔާތުގައި، ޗެފެރިންއާ އެކު، ޕޯޑިއަމްގައި، ފަލަސްތީނުގެ ރެފިއުޖީ ދެ ކުދިން ވަނީ ބައިވެރިކޮށްފަ އެވެ. މިއީ، ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރެން އިން ދައުވަތު ދީގެން ގެނައި ދެ ކުދިންނެވެ.
Comment