Advertisement

ރައްޔިތުންގެ ބަހަށް އިހުތިރާމެއް ނުކޮށް، ކައުންސިލްތަކުގެ ބާރު ނެގުމުގެ ބިލް ތަސްދީގުކޮށްފި

15 އޮގަސްޓު 2025 - 01:17 1

ރައީސް މުހައްމަދު މުއިއްޒު


ރައްޔިތުންގެ ބަހަށް އިހުތިރާމެއް ނުކޮށް، ކައުންސިލްތަކުގެ ބާރު ނެގުމުގެ ބިލް ތަސްދީގުކޮށްފި

15 އޮގަސްޓު 2025 - 01:17 1

ލާމަރުކަޒީ ގާނޫނު ބަދަލުކޮށް ލޯކަލް ކައުންސިލުތަކުގެ ބާރު ހަނި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އެމްޑީޕީން ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށް، ރައީސް މުހައްމަދު މުއިއްޒު އެ ބިލް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ތަސްދީގު ކުރައްވައިފި އެވެ.

ގާނޫނަށް ގެނައި މި ބަދަލުތަކާއެކު ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލަށް ލިބިދީފައިވާ ހަނިވާނެ އެވެ.

ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ބަދަލެއް ކަމަށެވެ.

"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.

މި ބިލް މަޖިލީހުން ފާސްކޮށްފައި ވަނިކޮށް މި ހަފުތާގައި މުއިއްޒު ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުގައި ވެސް އެ ބިލް ތަސްދީގު ނުކުރެއްވުމަށް ބައެއް ކައުންސިލްތަކުން ރައީސް އަށް އިލްތިމާސް ދެންނެވި އެވެ. އެ މަނިކުފާނު ބޭއްވި ޖަލްސާތަކުގައި ވެސް ބިލާ ދެކޮޅަށް ކައުންސިލްތަކުގެ ރައީސުން ވާހަކަ ދެއްކެވި އެވެ.

ރައްޔިތުންގެ މި ހިޔާލަށް ބެލުމެއް، އިހުތިރާމެއް ކުރެއްވުމެއް ނެތި މުއިއްޒު ވިދާޅުވީ މި ބިލުގައިވާ އިސްލާހުތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި މިއީ އެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ގެންނައި ބަދަލުތަކެއް ކަމަށެވެ.

މަޖިލީހުން ފާސް ކުރި ބިލުން ކައުންސިލުތަކަށް ކުރިމަތި ކުރުވާ ހުރަސްތައް

ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް

  • އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުން
  • އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުން
  • ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
  • ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން

ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް

  • އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުން.

މާލީ ކަންކަމަށް ނުފޫޒު ފޯރުވުން

  • ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުން
  • ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުން

ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން

  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން
  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ކުރުން
  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާ ކުރުން

މިއީ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހެވެ.

މި ބިލް ތަސްދީގުކޮށްފި ނަމަ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

---

ބިލާމެދު ހުރި ޝުއޫރު