Advertisement

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ސުޕަ ކަޕް ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފި

14 އޮގަސްޓު 2025 - 02:17 0


ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ސުޕަ ކަޕް ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފި

14 އޮގަސްޓު 2025 - 02:17 0

އުޑިނޭ، އިޓަލީ (އޮގަސްޓް 14) - ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީން ފަހަތުން އަރައި، ޕެނަލްޓީ ޖަހައިގެން 4-3 އިން، ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް، ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

ޓޮޓެންހަމް އިން ދެ ގޯލުގެ ލީޑެއް ނެގި މި މެޗުގައި، ޕީއެސްޖީން 2-2 އިން އެއްވަރުކުރީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެެވެ.

ޕެނަލްޓީގައި ވެސް ފަހަތުން އަރައި މޮޅުވަންޖެހުނު ޕީއެސްޖީން ސުޕަ ކަޕް މި ކާމިޔާބުކުރީ ޗެމްޕިއަންސް ލީގެކޭ އެއްގޮތަށް ފުރަތަމަ ފަހަރެވެ. މިއީ މިދިޔަ މަހު، ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ޗެލްސީ އަތުން ބަލިވެ، ލިބުނު މާޔޫސްކަމުން އަރައިގަންނަން މުހިންމު ކާމިޔާބެކެވެ.

ޕީއެސްޖީން މި މެޗަށް ނުކުތީ، ދާދި ފަހުން، އެ ޓީމަށް 60 މިލިއަން ޑޮލަރު ދީފައި ގަތް، ފްރާންސްގެ ކީޕަރު، ލޫކަސް ޝެވަލިއޭ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

ޕީއެސްޖީގެ ކީޕަރު ޝެވަލިއޭ: މެޗުގައި ރަނގަޅު ކުޅުމެއް ވަނީ ދައްކައިފައި.


މިދިޔަ އަހަރުތަކުގައި ޕީއެސްޖީގެ ގޯލު ބެލެހެއްޓި އިޓަލީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވިއްކާލަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ. އެހެންވެ، މި މެޗުގެ ސްކޮޑަށް ވެސް ޑޮނަރުންމާ ނުނަގަ އެވެ. ޝެވަލިއޭ ވަނީ ޕެނަލްޓީގައި ތަފާތު ދައްކައި، ޕީއެސްޖީ މޮޅުކޮށްދޭން އެހީވެފަ އެވެ.

މެޗު ފަށައިގެން ޕީއެސްޖީގެ ކުޅުންތެރިން ލިބޭ ބޯޅަތަކުގައި އެޓޭކްކުރެވޭތޯ ބަލަމުންދިޔަ ނަމަވެސް ރަނގަޅު ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ލިބޭ ފުރުސަތުތަކުގައި، ޕީއެސްޖީގެ ފަހަތަށް ނުރައްކާ ކުރަމުންދިޔަ ޓޮޓެންހަމް އިން ލީޑުނެގީ، 39 ވަނަ މިނިޓްގަ އެވެ. މިއީ، ނެދަލެންޑްސްގެ ޑިފެންޑަރު، މިކީ ވެން ޑަ ވީން ޖެހި ގޯލެކެވެ. ޓޮޓެންހަމްގެ ޖޮއާއޯ ޕަލީނިއާ ޖެހި ބޯޅަ ކީޕަރު ޝެވަލިއޭ އަތާއި ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ވެން ޑަ ވީން ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ފުރަތަމަ ހާފު ލީޑުގައި ނިންމާލި ޓޮޓެންހަމް އިން ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނިޓްގައި ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއަން ރޮމޭރޯ އެވެ. މިއީ، ޓޮޓެންހަމްގެ ޕެޑްރޯ ޕޯރޯ ޖެހުމަކުން ނެގި ހުރަހަކުން ރޮމޭރޯ ބޮލުން ޖެހި ގޯލެކެެވެ.

ބަދަލުތަކެއް ގެނެސްގެން ޕީއެސްޖީން އެޓޭކަށް ގިނަ ކުޅުންތެރިންތަކެއް ފޮނުވައިގެން ކުޅެން ފެށިއިރު، އެ ޓީމުގެ ބްރެޑްލީ ބާކޯލާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ޕީއެސްޖީން މި މެޗުގައި ކުރި ގިނަ އެޓޭކްތަކެއް ހުއްޓުވުމުގައި، ޓޮޓެންހަމްގެ ޑިފެންޑަރުންގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، މެޗުގެ ފަހު ދިހަ މިނިޓާ ހަމައަށް އައިއިރު، ޓޮޓެންހަމްގެ ގޯލުކީޕަރު، ގުގްލިއެރްމޯ ވިކާރިއޯ ޓެސްޓްކޮށްލަން ޕީއެސްޖީ އަށް ގޯލާ ސީދާކޮށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ.

ޓޮޓެންހަމްގެ ދެ ވަނަ ގޯލު ޖެހި ރޮމޭރޯ އުފާފާޅުކުރަނީ.


އެކަމަކު، ޕީއެސްޖީ އަށް އުންމީދެއް ހޯދައިދިނީ މެޗުގެ 85 ވަނަ މިނިޓްގައި، ދެކުނު ކޮރެއާގެ ފޯވާޑް، ލީ ކަންގް އިން އެވެ. އޭނާ ވަނީ ބަދަލަކަށް ކުޅެން އަރައި މޮޅު ގޯލެއް ޖަހައިފަ އެވެ. ޕީއެސްޖީގެ ވިޓީނިއާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ލީ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. އަދި، އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި، ގޮންޒާލޯ ރާމޯސް ގޯލު ޖަހައި، ޕީއެސްޖީ އަށް އެއްވަރުކޮށްދިނެވެ. މިއީ، އޮސްމާން ޑެމްބެލޭ ނެގި ހުރަހަކުން، ބަދަލަކަށް ކުޅެން އެރި ރާމޯސް ޖެހި ގޯލެކެވެ.

ސުޕަ ކަޕްގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެން ނުޖެހި ނަތީޖާ ނެރެން ޖެހޭނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ޓޮޓެންހަމްގެ ފުރަތަމަ ޕެނަލްޓީ ޑޮމިނިކް ސޮލާންކޭ ކާމިޔާބުކުރި އެވެ. ޕީއެސްޖީގެ ފުރަަތަމަ ޕެނަލްޓީ ވިޓީނިއާ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. ޓޮޓެންހަމްގެ ދެ ވަނަ ޕެނަލްޓީ ރޮޑްރީގޯ ބެންޓަންކޫރު ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޕީއެސްޖީގެ ދެ ވަނަ ޕެނަލްޓީ ރާމޯސް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ޓޮޓެންހަމްގެ ތިން ވަަނަ ޕެނަލްޓީ ވެން ޑަ ވީން ފޮނުވާލި ބޯޅަ ކީޕަރު ޝެވަލިއޭ މަތަކުރި އެވެ. އަދި، ޕީއެސްޖީގެ ތިން ވަނަ ޕެނަލްޓީ ޑެމްބެލޭ ވަނީ ކާމިޔާބުކޮށް އެއްވަރުކޮށްދީފަ އެވެ.


ޓޮޓެންހަމްގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަން ދިޔަ މަތީސް ޓެލް ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. އަދި ޕީއެސްޖީގެ ހަތަރު ވަނަ ޕެނަލްޓީ، ލީ ވަނީ ކާމިޔާބުކޮށް އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ޓޮޓެންހަމްގެ ފަސް ވަނަ ޕެނަލްޓީ ޕެޑްރޯ ޕޯރޯ ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ޕީއެސްޖީގެ ފަސް ވަނަ ޕެނަލްޓީ ނޫނޯ މެންޑޭސް ވަނީ ކާމިޔާބުކޮށް އެ ޓީމަށް ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ.