14 އޮގަސްޓު 2025 - 07:52 0
14 އޮގަސްޓު 2025 - 07:52 0
ލައިޕްޒިގު، ޖަރުމަނު (އޮގަސްޓް 14) - އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ނެދަލެންޑްސް ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑަރު، ޒަވީ ސިމޯންސްގެ ސޮއި ހޯދަން މެންޗެސްޓާ ސިޓީން ރޭހަށް ވަން ކަމުގައި ވިޔަސް، އޭނާ ބޭނުންވަނީ ޗެލްސީ އަށް ބަދަލުވާން ކަމަށް ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބާސެލޯނާގެ ލަ މާސިއާ އިން އުފެދުުނު ޒަވީ ސިމޯންސް، 22، ވަނީ ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ. ޕީއެސްވީ އައިންދޯވަން އަށް ވެސް ކުޅުނު ޒަވީ ސިމޯންސް، މިހާރު ކުޅެމުން އަންނަ ލައިޕްޒިގަށް ބަދަލުވީ، މީގެ ދެ އަހަރު ކުރިންނެވެ. ލައިޕްޒިގަށް ފުރަތަމަ ލޯނަކަށް އައި، ޒަވީ ސިމޯންސްގެ އެއްބަސްވުން އެ ކްލަބުން ދާއިމީ ކުރީ، މި އަހަރު ޖެނުއަރީ މަހުގަ އެވެ. އެއީ، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި، 80 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އެ ޕެކޭޖުގައި ޓްރާންސްފާ ފީ އަކީ، 50 މިލިއަން ޑޮލަރެވެ.
މިދިޔަ ސީޒަނަކީ ޒަވީ ސިމޯންސްގެ ވިދުން ގަދަ އަހަރެކެެވެ. ސީޒަނުގެ ލީގުގައި އޭނާ ވަނީ ކުުޅުނު 25 މެޗުން 17 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ.
ޗެލްސީން ވަނީ ޒަވީ ސިމޯންސްއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. މިހާރު މަސައްކަތް ކުރަމުން އަންނަނީ، ލައިޕްޒިގަށް އޭނާގެ ޓްރާންސްފާ ފީ ދޭނެ ގޮތަކާ މެދު ކުރިއަށްދާ މަޝްވަރާތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، ލައިޕްޒިގުން ކިޔާ 70 މިލިއަން ޑޮލަރުގެ ފީ ކުޑަކުރުމަށް ޗެލްސީން އަންނަނީ ބަދަލުގައި ކުޅުންތެރިއެއް ދޭން ވާހަކަ ދައްކަމުންނެވެ.
ޒަވީ ސިމޯންސް އާއި ޗެލްސީގެ މަޝްވަރާތައް ދިގުލާތީ، އޭގެ ފައިދާނަގައި، ސިޓީން ވެސް ވަނީ މި ޓްރާންސްފާ ތެރެއަށް ވަދެފަ އެވެ. އެކަމަކު، ޒަވީ ސިމޯންސް ވަނީ އޭނާ ދެން ބަދަލުވާން ބޭނުންވަނީ ޗެލްސީ އަށް ކަމަށް އެ ކްލަބަށް އަންގައިފަ އެވެ.
ޗެލްސީން އަންނަނީ ކުރިން ލައިޕްޒިގަށް ކުޅުނު ފްރާންސްގެ ފޯވާޑް، ކްރިސްޓޮފާ އެންކުންކޫ އަލުން ލައިޕްޒިގަށް ދޭން މަޝްވަރާ ކުރަމުންނެވެ. މީގެ އެއް އަހަރު ކުރިން، ޗެލްސީން އެންކުންކޫގެ ސޮއި ހޯދީ އާރްބީ ލައިޕްޒިގަށް 63 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.
Comment