13 އޮގަސްޓު 2025 - 19:50 1
އަމަން ހަލީމް
ހައިކޯޓުގެ އަޑުއެހުމުގައި ސާޖިދު (ވ) ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބު ދެނީ: ޝަރީއަތުގެ މަޖިލީހުގައި އޭނާ ހުވާ ނުކުރާ ކަމަށް ބުނި ވީޑިއޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު --- ސްކްރީންގްރޭބް: ހައިކޯޓު ޔޫޓިއުބް ޗެނަލް
13 އޮގަސްޓު 2025 - 19:50 1
ގދ. ތިނަދޫން ވޭޕުތަކާއި މަސްތުވާތަކެއްޗާ އެކީ ހައްޔަރުކުރި ފުލުސް މީހާ އެ ރަށު މެޖިސްޓްރޭޓު ކޯޓުން ދޫކޮށްލި އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅައި، އެ އަމުރު ބާތިލުކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ހައި ކޯޓުން ވަނީ، މުހައްމަދު ސާޖިދު އަހުމަދު ނަމަކަށް ކިޔާ އެ ފުލުސް މީހާގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ފުލުހުން ހުށަހަޅައިފި ނަމަ، ދެ ދުވަހުގެ ތެރޭގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވެސް ހުކުމްކޮށްފަ އެވެ.
ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ސާޖިދު ދޫކޮށްލަން އަމުރުކުރީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހޯދި އަމުރެއްގެ ދަށުން، އެ ގާނޫނަކީ މަދަނީ ކުށްތަކެއް އުފައްދާ ގާނޫނަކަށް ވާތީ، އަމިއްލަ ތަނެއް ބަލައި ފާސްކޮށްގެން މަނާކޮށްފައިވާ ދުންފަތުގެ ބާވަތްތަކާއި އުފެއްދުންތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ނުލިބޭތީ، އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.
ނަމަވެސް މި މައްސަލަ އިސްތިއުނާފުކުރަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނެގީ، ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނުމުން ވެސް ދޫކޮށްލުމުންނެވެ. ދައުލަތުގެ ވަކީލުން ކޯޓުގައި ބުނީ ފެނުނު މަސްތުވާތަކެއްޗަކީ ބަލައިފާސްކުރުމުގެ އަމުރުގައި ބަޔާންކުރާ ދާއިރާއިން ބޭރު ތަކެއްޗަށް ވީނަމަވެސް، އެއީ ޑްރަގު ޓްރެފިކިން ކުށާ ގުޅުން ހުރި ހެކިތަކެއް ކަމަށެވެ.
"ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެހެން ޖިނާއީ ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ފެނިއްޖެކަމުގައިވާނަމަ އެ ބަލައިފާސްކުރުމުގެ އަމުރުގައި ބަޔާން ނުކުރިކަމުގައި ވީނަމަވެސް، އެ އެއްޗެއް ނެގުމުގެ ބާރު ފުލުހުންނަށް ލިބިދެވޭ ކަމަށް [ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި] ބަޔާންކޮށްފައިވޭ،" ޕީޖީގެ ވަކީލުން ބުންޏެވެ.
އޭގެ އިތުރުން މި މައްސަލައިގައި ބަލައި ފާސްކުރަން ހޯދި އަމުރަކީ މަދަނީ ކުށަކާ ގުޅިގެން ހޯދި އަމުރެއް ނޫން ކަމަށާއި، އެ އަމުރަށް އެދި ހުށަހެޅި ފޯމަށާއި އެ އަމުރަށް ބެލުމުން އެއީ ޖިނާއީ ކުށުގެ ތުހުމަތުގައި ނެރެފައިވާ އަމުރެއް ކަން އެނގޭ ކަމަށް ވެސް ޕްރޮސިކިއުޝަނުން ބުންޏެވެ.
ރައްދުގައި ސާޖިދުގެ ވަކީލު ވަނީ މީހަކު ބަންދުކުރަން ބޭނުންވާ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނަނީ ގާނޫނާ ހިލާފު އެއްޗެއް ފެންނަން ޖެހޭ ކަމަށާއި، ޝައްކުކުރެވޭ ގާނޫނާ ހިލާފު އެއްޗެއް ކަަމަށް ބުނުމުން ނުފުދޭ ކަމަށެވެ. އަދި ފެނުނު ތަކެތި ޓެސްޓު ނުކޮށް، ސާޖިދަކީ ޑްރަގު ޓްރެފިކުކުރާ މީހެއް ކަމަށް ބަލައި އެ މިންވަރަށް ދަށު ކޯޓަށް ހުށަހެޅުމުން ނުފުދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ސާޖިދުގެ ވަކީލު އިތުރަށް ފާހަގަކުރި މައްސަލައަކީ ކޯޓު އަމުރުގެ އިމުގެ ބޭރުން ފެނުނު ގާނޫނާ ހިލާފު އެއްޗެއްގެ މައްޗަށް ޕްރޮބަބަލް ކޯޒް އެއް އުފަންވާ ކަމަށް ޕްރޮސިކިއުޝަނުން ބުނުމެވެ.
މި މައްސަލަ ބެލި ހައިކޯޓުގެ ބެންޗުން އިއްތިފާގުވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަކި މަދަނީ ކުށްތަކެއް އުފަންވާ މަދަނީ ތަބީއަތުގެ ގާނޫނެއް ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކުރި ކުރުމަށް އެއްބަސްވެފަ އެވެ.
ނަމަވެސް އެ ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކަން ހުއްދަ ހޯދަން ޖެހޭއިރު، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހޯދަން ޖެހޭ ހުއްދައެއް ހޯދައިގެން މެނުވީ ކުރުން ހުއްދަ ނޫން ކަމެއް ކުރުމަކީ ގާނޫނުލްއުގޫބާތުގައި ޖިނާއީ ކުށެއް ކަމަށް ވިދާޅުވި އެވެ.
"ވީމާ، ދައުލަތުގެ ކަމާބެހޭ ފަަރާތުގެ ހުއްދަ ހޯދުމަކާނުލައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ ހާލަތުގައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި ބަޔާންކުރާ ތަކެތި ހެކީގެ ގޮތުގައި ހޯދަން ޖެހޭނެ،" ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ އިތުރުން ކޯޓު އަމުރެއްގައި ބަޔާން ނުކުރިޔަސް، ކުށަކާ ގުޅޭ އެހެން ތަކެތި ފެނިއްޖެ ނަމަ އެ ތަކެތި ހިފަހައްޓާ އެ ތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަކީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުއްދަކުރާ ކަންކަން ކަމަށް ވެސް ހުކުމުގައި ބުންޏެވެ. އެހެންވެ އޭނާ ހައްޔަރުކުރީ ރަނގަޅަށް ކަމަށް ފަނޑިޔާރުން ވަނީ ނިންމާފަ އެވެ.
މިއީ ސޯޝަލް މީޑީއާގައި ވައިރަލްވީ ވީޑިއޯ ކްލިޕަކާ ގުޅިގެން އާންމުންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބުނު މައްސަލައެކެވެ. އެއީ ހައިކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ރައްދުވާ ސާޖިދު، ފުލުހުންގެ ހުވަޔާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކެއް ހިމެނޭ ކްލިޕެކެވެ.
ހައިކޯޓުގެ އަޑުއެހުމުގައި ސާޖިދު ބުނީ އޭނާ ފުލުހުންގެ ހުވާ ކުރާ ރަސްމިއްޔާތަށް ދިޔަ ނަމަވެސް ހުވާނުކުރާ ކަމަށެވެ. އެ ވަގުތު އެ ތަނުގައި ކުރީ ކީއްތޯ މި މައްސަލައިގެ ބެންޗުގައި އިންނެވި ފަނޑިޔާރު ދީބާނާޒް ފަހުމީ ސުވާލުކުރެއްވުމުން، ޖަވާބުގައި އޭނާ ބުނީ "ހަމަ ހުރީ މި ގޮތަށް" ކަމަށެވެ. އަދި ހުވާނުކުރީ މާތް الله ގަންދީ ކުރަން ޖެހޭ ހުވަޔަަކަށް ވާތީ ބިރުން ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.
ފަނޑިޔާރު ދީބާނާޒްގެ ރައުޔުގައި އޭނާ ވަނީ، ބަލައި ފާސްކުރުމުގެ އަމަރަށް އެދި ހުށަހެޅި ފޯމުގައި ސާޖިދަށް ތުހުމަތުކުރެވޭ އެހެން ޖިނާއީ މައްސަލަތަކެއް ހިމެނި ކަމަށް ފާހަގަަކުރެއްވި އެވެ. އެ ކުށްތަކަކީ ގާނޫނުލްއުގޫބާތުގައި ބުނާ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލުގެ ކުށާއި، ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށާއި، މި ކުށްތައް ކުރަން އުޅުމުގެ ކުށެވެ.
އޭނާގެ މައްޗަށް މި ތުހުމަތުކުރީ އޭނާއަކީ ފުލުހުންގެ ގާނޫނުގެ ދަށުން ސްޕެޝަލް ކޮންސްޓަބިއުލަރީގެ ވާޖިބުތައް އަދާކުރަމުންދާ މީހަކަށް ވާތީ ކަމަށް ދައުލަތުން ބުންޏެވެ.
މިކަމާ ގުޅިގެން ސާޖިދު ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކާއި ބަސްމަގާ މެދު ފަނޑިޔާރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ވިދާޅުވީ، ހުވާ ނުކިޔައި ހުރި ކަމަށް ބުނީ، އަދުލު އިންސާފުގެ ތަސައްވުރަށް އެއްވެސް ޖެހިލުމެއް، ފަރުވާލެއް ނެތި ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ހުވާ ނުކޮށް ހުރެ މުސާރަ ލިބުމަކީ ގޯހެއް ކަމަށް ނުދެކޭ ބީދައިން ވާހަކަ ދެއްކި ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
"މިއީ މާތް الله ގަަންދީ ހުވާކުރުމާ ގުޅޭ ގޮތުން ކަން ވެގެން ވާނެ ގޮތް ނުވަތަ ޝަރީއަތުގައި އެފަދަ ހުވަޔާ މެދު އެއްވެސް މީހެއްގެ ބަސް މަގު ހުންނަންވާނެ ގޮތް ކަމަށް ނުދެކެން،" ދީބާނާޒް ވިދާޅުވި އެވެ.
ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދުކުރެއްވި ދީބާނާޒްގެ ރައުޔުގައި ވަނީ، ހުވާކުރަން ޖެހޭ ވަޒީފާތަކަށް އައްޔަނުކުރެވޭ މީހުން، ކުރާ ހުވަޔާއި ހުވާގެ އިގުރާރުގެ ގާނޫނުގެ ނަތީޖާ ސާފުވާ ގޮތަށް، ގާނޫނީ ނިޒާމާއި ދައުލަތުގެ މައްޗަށް އޮންނަ އިތުބާރު ދެމެހެއްޓުމާ ގުޅުން ހުރި ސިޔާސަތުތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކުރަން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ދެކޭ ކަމަށް ވިދާޅުވެފަ އެވެ.
Comment