13 އޮގަސްޓު 2025 - 13:32 0
އަރުޝަމް އަބްދުالله
13 އޮގަސްޓު 2025 - 13:32 0
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ އަނބިކަބަލުން ކިމް ކިއޮން ހީ، ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ހައްޔަރު ކޮށްފި އެވެ.
މިއީ އެ ގައުމުގެ ތާރީހުގައި ކުރީގެ ރައީސަކާއި އޭނާގެ އަނބިކަނބަލުން އެއް ފަހަރާ ޖަލަށްލީ ފުރަތަމަ ފަހަރެވެ.
ކިމް ހައްޔަރު ކޮށްފައިވަނީ, އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިތައް ނައްތާލާފާނެތީ ކަމުގައި އޭނާ ބަންދުކުރުމަށް އަމުރުކުރި ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުގެ އަމުރުގައި ވެ އެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން ކިމްގެ މައްޗަށް ކުރާ ތުހުމަތު ތަކަކީ ސްޓޮކް ފްރޯޑްގެ ގޮތުގައި މަޝްހޫރު ކާރު ބްރޭންޑް ބީއެމްޑަބްލިއު ޑީލާޝިޕެއްގެ ހިއްސާތަކެއް ގަނެ އެއިން ފައިދާއެއް ހޯދުމުގެ އިތުރުން ރިޝްވަތުގެ ގޮތުގައި ލަގްޒަރީ ފެޝަން ބްރޭންޑެއް ކަމަށްވާ ޝެނަލްގެ އަގުބޮޑު އަތްދަބަސް ފަދަ ތަކެތި ބަލައިގަތުމެވެ.
ކިމް ރަސްމީ ހަފްލާތަކުގައި އަގުބޮޑު ހެދުން އެޅުމާއި, ގަހަނާ އެޅުން ފަދަ ކަންކަމުގައި އެ ގައުމުގެ އާންމުންގެ ފަރާތުން, އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ކިމްގެ މައްޗަށް މި ދައުވާތައް އުފުލުމުގެ ކުރިން އޭނާ 20 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓު އަމުރުގައި ވެ އެވެ. ރިޕޯޓުތަކުން ބުނާގޮތުގައި މި މައްސަލައިގައި ހައްޔަރުކުރެވުނު ފަހުން އޭނާ ދަނީ ކެއިން ބުއިމަށް އިންކާރުކުރަމުންނެވެ.
އޭނާގެ ހައްޔަރުކުރުމަކީ އޭނާގެ ފިރިކަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފުޅާ ތަހުގީގުގެ ބައެކެވެ. ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން މިހާރު ހުރީ މާޝަލް ލޯ އިއުލާންކުރަން ކުރި މަސައްކަތް ނާކާމިޔާބުވެ އަދި ބާރުގެ ނަހަމަ ބޭނުންކުރުމުގެ ދައުވާތައް ސާބިތުވެ އެ ހުކުމުގައި ޖަލުގައެވެ.
Comment