Advertisement

ޒަކާތް ދިނުން ގާނޫނީ ގޮތުން ލާޒިމުކުރަން މަޖިލީހަށް ބިލެއް

13 އޮގަސްޓު 2025 - 13:07 6

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޒަކާތް ދިނުން ގާނޫނީ ގޮތުން ލާޒިމުކުރަން މަޖިލީހަށް ބިލެއް

13 އޮގަސްޓު 2025 - 13:07 6

މުދަލު ޒަކާތާއި ފިތުރު ޒަކާތް ދެއްކުން ލާޒިމުވާ މީހުންގެ ޝަރުތުތައް ބަޔާންކޮށް، އެ މީހުންގެ މައްޗަށް ޒަކާތް ދެއްކުން ލާޒިމު ކުރަން ޒަކާތުގެ ގާނޫނެއް ހަދަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރަދަނާ ކުރާނެ އުސޫލުތައް ހިމަނާފައިވާ އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު، ހަސަން ވަހީދު އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ދިރާސާކުރާނީ އިޖުތިމާއީ ކޮމިޓީންނެވެ.

ފިތުރު ޒަކާތާއި މުދަލު ޒަކާތް ދައްކަންޖެހޭ މީހުންނާއި އެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން އެ ޒަކާތުގެ ބެހެނިވެރިން ވެސް އެ ބިލުގައި ތަފުސީލުކޮށް ވަކިވަކީން ލިޔެފައިވެ އެވެ.

އެ ބިލުގައި ވާގޮތުން ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އާއި މުދާ ބެހުން ހިމެނޭހެން ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިސްލާމިކް މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމާއި އެ ނިޒާމު ހިނގާ ގޮތް ބެލެހެއްޓުމަށްޓަކައި ޒަކާތު ކައުންސިލުގެ ނަމުގައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފައްދަން އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ކައުންސިލުގައި ހިމެނެނީ:

  1. އިސްލާމިކް މިނިސްޓަރު
  2. ޑިރެކްޓަރު ޖެނެރަލް
  3. އެމްއެމްއޭގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ އެއް މެންބަރު
  4. ކިީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އިސް މުވައްޒަފުންގެ ތެރެއިން އެ މަރުކަޒުން ކަނޑައަޅާ އެއް މެންބަރު
  5. ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީން ކަނޑައަޅާ އެއް މެންބަރު
  6. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ އެއް މެންބަރު
  7. އިސްލާމިކް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީން ކަނޑައަޅާ އެއް މެންބަރު
  8. ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ދެ މެންބަރުން

އޭގެއިތުރުން އިސްލާމިކް މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް މިނިސްޓްރީގެ ދަށުން ވީއްލައި ސަރުކާރުގެ ވަކި އިދާރާއަކަށް ހަދަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އަދި ޒަކާތު ހައުސްއާ މަތިކޮށްފައިވާ ބައެއް ޒިންމާތަކާއި މަސްއޫލިއްޔަތުތައް ލޯކަލް ކައުންސިލްތަކާ ހަވާލު ކުރެވިދާނެ ކަމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެގޮތުން ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ދާއިރާތަކުގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގައި ޒަކާތު ހައުސްއަށް އެހީތެރިވުމާއި ޒަކާތު ހައުސްއިން ހަދާ ގަވާއިދުތައް ލާމަރުކަޒީ އުސޫލުން ތަންފީޒު ކުރުމުގައި ކައުންސިލްތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެ ބިލުގައި ލިޔެފައިވެ އެވެ.

އެ ބިލު ގަނޫނަކަށް ބަދަލުވުމާއެކު މާލިއްޔަތު ގާނޫނުގެ ދަށުން ހަދައި އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުން އައި ޒަކާތު ފަންޑު ވެސް ޒަކާތު ހައުސްގެ ދަށަށް ބަދަލު ވާނެ އެވެ. އެ ބަދަލާއެކު ޒަކާތު ފަންޑުގައި ހުންނަ ފައިސާ އިންވެސްޓު ކުރުމުގެ އިހުތިޔާރު ވެސް މޯލްޑިވްސް ޒަކާތު ހައުސްއަށް ދީފައިވެ އެވެ.