13 އޮގަސްޓު 2025 - 05:58 0
13 އޮގަސްޓު 2025 - 05:58 0
މެންޗެސްޓާ (އޮގަސްޓް 13) - މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލާނެކަން ޔަގީންވެފައިވާ އިޓަލީގެ އެއް ވަނަ ކީޕަރު، ޖިއަންލުއީޖީ ޑޮނަަރުންމާގެ ސޮއި ހޯދުމުގެ ރޭހަށް މެންޗެސްޓާ ސިޓީން ވެސް ވަދެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީއެސްޖީން ލިލް އަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ގޯލްކީޕަރު، ލޫކަސް ޝެވަލިއޭ، 60 މިލިއަން ޑޮލަރު ދީފައި ގަނެފަ އެވެ. މިދިޔަ އަހަރުތަކުގައި ޕީއެސްޖީ ގޯލު ބެލެހެއްޓި، އުމުރުން 26 އަހަރުގެ ޑޮނަރުންމާއާ އެކު، އެ ކްލަބުން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ޑޮނަރުންމާ، މި ވަގުތު ޕީއެސްޖީގައި ހުރީ ސީޒަނަކު 11 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ޕީއެސްޖީން އެންމެ ފުރަތަމަަ، އާ ކޮންޓްރެކްޓާ އެކު ހުށަހެޅި ޑީލުގައި ބޯނަހާ އެކު ވެސް ޑޮނަރުންމާ އަށް ލިބޭނީ 11 މިލިއަން ޑޮލަރެވެ. އެހެންވެ، އޭނާ ވަނީ އެއްބަސްވުން އާ ކުރަން ދެކޮޅު ހަދައިފަ އެވެ.
މިހާރު ޕީއެސްޖީން ނިންމާފައިވަނީ ޑޮނަރުންމާ އަށް އާ ކޮންޓްރެކްޓެއް ނުދީ އޭނާ ދޫކޮށްލުމަށެވެ. އެކަން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވެސް ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ. ޔުއެފާ ސުޕަ ކަޕްގެ ސްކޮޑުން ޑޮނަރުންމާ ބާކީކުރުމާ ބެހޭގޮތުން، ކުރި ސުވާލަށް ދިން ޖަވާބުގައި، އެންރީކޭ ބުނީ، މިހާރު އޭނާ ޕީއެސްޖީ އަށް ބޭނުންވަނީ ތަފާތު ސްޓައިލެއްގެ ކީޕަރެއް ކަމަށާއި ޑޮނަރުންމާ، ޕީއެސްޖީ އަށް ކޮށްދިން ކަންތައްތަކުގެ ވާހަަކަ އަބަދުވެސް ދައްކާނީ ރަނގަޅަށް ކަމަށެވެ.
ޕީއެސްޖީގައި މުސްތަގުބަލެއް ނެތްކަން އިއުލާނުކޮށް، ޑޮނަރުންމާ ބުނެފައިވަނީ، އޭނާ އެ ކްލަބްގައި ހުންނަން ބޭނުންވިޔަސް، އެކަން އެ ގޮތަށް ހިނގިޔަ ނުދޭން މީހަކު ބޭނުންވާ ކަމަށެވެ. އަދި، ކެރިއަރާ ގުޅޭ މުހިންމު ނިންމުމެއް ނިންމާނީ ފައިސާ އަށް ވިސްނާފައި ނޫން ކަމަށާއި ޕީއެސްޖީ އަކީ ފައިސާ އަށް ވިސްނާ ކްލަބެއްކަން އަމަލުތަކުން މިހާރު ފެންނަ ކަމަށް ޑޮނަރުންމާ ވަނީ ބުނެފަ އެވެ.
އިނގިރޭސި ކްލަބްތަކުން ޑޮނަރުންމާ އަށް އޮފާ ލިބިފައިވާ ކަމަށް ބުނެފައިވާއިރު، އެ ރޭހުގައި އޮތީ މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ އެވެ. ސިޓީގެ ދެ ކީޕަރުން ކަމަށްވާ ސްޓެފަން އޯޓޭގާ އާއި އެޑަސަން އެ ކްލަބް ދޫކޮށްލާނެ ކަަމަށް ބެލެވޭއިރު، އެ ޓީމުން ވަނީ އިނގިރޭސި ޒުވާން ކީޕަރު، ޖޭމްސް ޓްރަފޯޑް ސޮއިކޮށްފަ އެވެ.
އެޑަސަން ހޯދަން ގަލަތަސަރާއި އިން މަސައްކަތްކުރާއިރު، ޖަރުމަނު ކްލަބްތަކުން އޯޓޭގާއާ އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ.
Comment