Advertisement

އީޕީއޭގެ ބާރު ކަނޑުވާލުމުން ސޯލިހުގެ ކަންބޮޑުވުން

13 އޮގަސްޓު 2025 - 09:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އީޕީއޭގެ ބާރު ކަނޑުވާލުމުން ސޯލިހުގެ ކަންބޮޑުވުން

13 އޮގަސްޓު 2025 - 09:03 0

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ބާރުކެނޑޭ ގޮތަށް ންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ގަވާއިދަށް އިސްލާހު ގެނައުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސޯލިހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީޕީއޭގެ ދައުރެއް ނެތި އީއައިއޭ ހެދޭ ގޮތަށް ސަރުކާރުން އީއައިއޭގެ ގަވާއިދަށް އިސްލާހު ގެނައުމުން އީޕީއޭގެ ބާރެއް ނެތްކަން ދައްކުވައިދޭ ކަމަށެވެ.

"އީޕީއޭގެ ދައުރެއް ނެތި އީއައިއޭ ހެދޭ ގޮތަށް ސަރުކާރުން އީއައިއޭ ގަވާއިދު އިސްލާހު ކުރުމަކީ އީޕީއޭގެ ބާރެއް ނެތްކަން ދައްކުވައިދޭ ކަމެއް. އެކަމާ ގުޅިގެން ވަރަށް ކަންބޮޑުވޭ،" ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުގެ މަސައްކަތްތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެކި މުއައްސަސާތަކުގެ ދައުރު ހަނިކޮށް، ބަލިކަށި ކުރުމަށް މިހާރު އޮތް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

މީގެއިތުރުން ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ނާޒުކު ތިމާވެށީގެ ނުރައްކަލަށް ހުށަހަޅައި، ދެމެހެއްޓެނިވި ތަރައްގީއަށް ވެސް ހުރަސް އެޅޭނެ ކަމަށެވެ.

މި ސަރުކާރުގެ މަޝްރޫއުތަކުގެ އީއައިއޭ ހެދުން އަވަސް ކުރަން ގަވާއިދު އިސްލާހުކުރީ އިއްޔެ އެވެ. އެ ގަވާއިދު ބުނާގޮތުން ސަރުކާރުގެ މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަން ޖެހޭ މަރުހަލާތައް ވީ އެންމެ އަވަހަށް ލަސްކަމެއް ނާންނާގެ ގޮތަށް ނިންމަން ޖެހެ އެވެ.

މީގެއިތުރުން ތިމާވެށްޓަށް ފާރަވެރިވުމުގެ ޒިންމާ މަތިކޮށްފައިވާ އީޕީއޭގެ އެންމެހައި ބާރުތައް އެންވަރަމެންޓު މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެ އިދާރާ އޮތޯރިޓީއަކަށް ސަރުކާރުން އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ. މިގޮތުން އީޕީއޭއަށް މިހާރު ކިޔަނީ އެންވަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އެވެ.

ޑިސެމްބަރު 18، 2008، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި އީޕީއޭ މިހައިތަނަށް ހިންގަމުން ދިޔައީ ގަވާނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ.