Advertisement

އީޕީއޭ އުވާލުމުން އެމްޑީޕީގެ އިސްވެރިން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

12 އޮގަސްޓު 2025 - 15:45 1


އީޕީއޭ އުވާލުމުން އެމްޑީޕީގެ އިސްވެރިން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

12 އޮގަސްޓު 2025 - 15:45 1

ތިމާވެށި ހިމާޔަތް ކުރުމުގެ މައިގަނޑު ޒިންމާ އަދާ ކުރަމުން އައި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އުވާލައި އެތަނުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށަށް ގެންދިޔުމުން އިދިކޮޅު އެމްޑީޕީގެ އިސްވެރިން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އީޕީއޭ އުވާލައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެތަނުގެ ނަން އެންވަރަމެންޓަލް ރެގިއުލޭޝަން އޮތޯރިޓީގެ ނަމަށް ބަދަލުކޮށް، އެއީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އީޕީއޭ ހިންގަމުން އައީ ގަވަނިން ބޯޑެއްގެ ލަފާގެ މަތިންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީޕީއޭގެ ރެގިއުލޭޓަރީ ދައުރު ހަރުދަނާ ކުރުމުގެ ފުރުސަތު އޮއްވައި، އެތަނުގެ މިނިވަންކަން ނަގާލުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ، އެއީ ބާރުތައް ޖަމާ ކުރަން މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.

"އީޕީއޭ އުވާލައި އެތަނުގެ މަސްއޫލިއްޔަތުތައް ޓުއަރިޒަމް މިނިސްޓްރީއަށް އަށް ބަދަލު ކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމަށާއި ތަރައްގީ އާއި ކޮންޒަވޭޝަން ބެލެންސް ކުރަން ކުރަމުން އައި މަސައްކަތުގެ ތެރޭގައި ފަހަތަށް އެޅުނު ފިޔަވަޅެއް،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިތުރަށް ވިދާޅުވީ، ނިޒާމަށް އެފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ނިޒާމަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހި އިގްތިސާދު އިތުރަށް ބަލިކަށިވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އީޕީއޭ އުވާލުމުން، އެތަން އުފެއްދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އީޕީއޭގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރާ ވަކިން ހިންގާ އިދާރާއެއްގެ ގޮތުގައި އޮތުން މުހިންމު ކަމަށެވެ.

"އީޕީއޭ އުވާލައި، ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއަށް އެތަނުގެ މަސްއޫލިއްޔަތުތައް ވެއްދުމަކީ ރަނގަޅު ނިންމުމެއް ނޫން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.

އީޕީއޭ އުވާލުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޝާހިދު ވިދާޅުވީ އީޕީއޭ އުވާލަން ނިންމި ނިންމުން ވެގެންދާނީ ތިމާވެށި ހިމާޔަތް ކުރަން ކުރަމުން އައި މަސައްކަތްތައް ނެތިގެންދާނެ ފަދަ ނިންމުމަކަށް ކަމަށެވެ.

"ދިވެހިރާއްޖެއަކީ ތިމާވެށި ހިމާޔަތް ކުރަން އަބަދުވެސް ވަކާލާތު ކުރަމުން އައި ގައުމެއް. އަހަރުމެން ގަބޫލު ކުރަމުން އައީ ތަރައްގީ ގެންނަންވާނީ ތިމާވެށި ގުރުބާންނުކޮށް ކަމަށް. އެކަމަކު އީޕީއޭ އުވައިލަން ނިންމި ނިންމުން ވެގެންދާނީ އެ ވިސްނުމާ ދެކޮޅު ސިޔާސަތަކަށް،" ޝާހިދު ވިދާޅުވި އެވެ.