Advertisement

ލާމަރުކަޒީ ގާނޫނުގެ އިސްލާހު ތަސްދީގުކޮށްފިނަމަ އެ އިސްލާހު ބާތިލުކުރަން ކޯޓަށް މައްސަލަ ހުށަހަޅާނަން: އެމްޑީޕީ

12 އޮގަސްޓު 2025 - 11:25 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ލާމަރުކަޒީ ގާނޫނުގެ އިސްލާހު ތަސްދީގުކޮށްފިނަމަ އެ އިސްލާހު ބާތިލުކުރަން ކޯޓަށް މައްސަލަ ހުށަހަޅާނަން: އެމްޑީޕީ

12 އޮގަސްޓު 2025 - 11:25 1

ވިޔަފާރި ކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމަށާއި މުވައްޒަފުން ނެގުމަށް އަދި ތަންތަން ކުއްޔަށް ދިނުމަށް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރުތައް ހަނިކޮށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސް ކުރި ބިލު ތަސްދީގުކޮށްފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނެފި އެވެ.

އަދަދު އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެމްޑީޕީ އިން ގަބޫލު ކުރާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީ ހިލާފު އިސްލާހުތަކެކެވެ. ފައްޔާޒް ވިދާޅުވީ އެ ބިލު ތަސްދީގުކޮށްފި ނަމަ ޕާޓީގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ އެވެ.

"އަޅުގަނޑުމެން އަދިވެސް އުއްމީދު މި ކުރަނީ އެފަދަ ބޮޑު ގޯހެއް [ރައީސް މުހައްމަދު މުއިއްޒު] ނުހަދާނެ ކަމަށް. އެކަމަކު ތަސްދީގު ކޮށްފިއްޔާ އަޅުގަނޑުމެން ކޯޓަށް ދާނެ،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން އެ މައްސަލަ ކޯޓަށް ވައްދާއިރު، ކައުންސިލުތަކުން އެ މައްސަލައަށް ތަދައްހުލުވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ، ވީހާ ވެސް ގިނަ ކައުންސިލުތަކުން މައްސަލަތައް ތަދައްހުލް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ކުށްވެރިކޮށް މިހައިތަނަށް 80 އަށް ވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ނެރެފަ އެވެ.

"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" ކައުންސިލުތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވެ އެވެ.

ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް

  • އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުން
  • އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުން
  • ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
  • ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން

ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް

  • އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުން.

މާލީ ކަންކަމަށް ނުފޫޒު ފޯރުވުން

  • ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުން
  • ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުން

ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން

  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން
  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ކުރުން
  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާ ކުރުން