12 އޮގަސްޓު 2025 - 10:55 0
ލީވާން އަލީ ނާސިރު
ޝަހީމު މިއަދު މަޖިލީހުގައި: މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް މިނިސްޓަރު ޖަވާބެއް ނުދެއްވާ -- ފޮޓޯ: މަޖިލިސް
12 އޮގަސްޓު 2025 - 10:55 0
ހައްޖަށް ދިއުމުގެ ފުރުސަތު ދިނުމުގައި ލިސްޓު ތަރުތީބު އޮޅުވާލައި ވައްކަން ކުރަމުން ގެންދާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފަށް ދެކެވޭ ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެހެންނަމަވެސް މިނިސްޓަރު ޖަވާބު ދެއްވާފައިވަނީ އެ މެންބަރު ކުރެއްވި ސުވާލުތަކުގެ ތެރެއިން އެންމެ ސުވާލަކަށެވެ. އެހެން ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ.
ޝަމްހީދު ސުވާލު ކުރެއްވީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހައްޖަށް ދާން ފުރުސަތު ލިބުނީ ކީއްވެގެންތޯ އާއި ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ އާއިލާ އާއި ގާތް ބޭފުޅުންނަށް ހައްޖަށް ދާން ފުރުސަތު ލިބުނީ ކިހިނެއްތޯ އަދި ހައްޖު ކޯޓާއިން ވައްކަން ކުރުން މިނިސްޓަރަށް ހުއްޓުވިދާނޭތޯ އެވެ. މި ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ޝަހީމް ފުރަތަމަ ވެސް ވިދާޅުވީ ހައްޖު ކޯޓާއިން ވައްކަން ކުރާކަމަށް ވާހަކަ ދެކެވެނީ ހަގީގަތާ ހިލާފަށް ކަމަށެވެ.
ތަރުތީބު ލިސްޓުން ބޭރުން ޖާގަ ދީފައި ހުންނާނީ އެހީތެރިންގެ ގޮތުގައި ގެންދެވޭ މީހުންނަށް ކަމަށް ދޭހަވާ ގޮތަށް ޝަހީމު ވިދާޅުވީ އެ ފުރުސަތު ދެނީ ވެސް އާންމުކޮށް އިއުލާނުކޮށްގެން ކުރިމަތިލާ މީހުންނާ އިންޓަވިއުކޮށްގެން ކަމަށެވެ. އެހީތެރިންގެ ގޮތުގައި ގެންދާނީ ހަށިގަނޑުގައި ވަރުހުރި ގަދަފަދަ މީހުން ކަމަށެވެ. އަދި އެހީތެރިންގެ ގޮތުގައި ގެންދާނޭ މީހުން ކަނޑައަޅާފައިވަނީ ހައްޖު ކޯޕަރޭޝަނުން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މިއަހަރު ހައްޖަށް ވަޑައިގެންނެވި އެވެ. އެ މެންބަރުންނަށް ފުރުސަތު ލިބުނު ގޮތަކާމެދު ކުރެވޭ ސުވާލުތަކަށް ހައްޖު ކޯޕަރޭޝަނުންނާއި އިސްލާމިކް މިނިސްޓްރީން ވެސް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.
Comment