12 އޮގަސްޓު 2025 - 10:46 0
ސާއިފް ޝިޔާދު
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަހީމް ޖަވާބު ދެއްވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
12 އޮގަސްޓު 2025 - 10:46 0
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓް އާންމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝަހީމް ހާޒިރުވުމުން ސުވާލު ވަގުތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެއްސެވީ އެ ލިސްޓް އާންމު ކުރުމުގެ ވިސްނުމެއް ގެންގުޅޭތޯ އެވެ. އެއީ ކޮރަޕްޝަނަށް މަގުފަހިވުމުގެ ފުރުސަތު ނުދިނުމަށް ކުރަންވާ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ކޮރަޕްޝަނާ ދެކޮޅަށް. ހައްޖު ކޯޕަރޭޝަންގެ ކަންކަމަކީ ދެފުށްފެންނަ ކަންކަން ގޮތުގައި ކަނޑައެޅިގެން ދާނެ. އެބަ މަސައްކަތް ކުރަން ހައްޖަށް ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރެވޭނެ ނިޒާމެއް ގާއިމުކުރަން،" ޝަަހީމް ޖަވާބު ދެއްވި އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހައްޖުގެ އަޅުކަމުގެ އަގު ކުޑަކުރުމަށް ކަމަށާއި އިސްލާމިކް މިނިސްޓްރީން އަޅަމުންދާ އައުގާފް އިމާރާތްތައް ނިމުމުން އޭގެއިން ލިބޭ ފައިސާގެ ތެރެއިން ބައެއް ހައްޖުގެ އަޅުމަކަށް ދިވެހިން ފޮނުވުމަށް ހާއްސަ ކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އެ ކަން ކުރުމަށް ގާނޫނުތަކެއް ހަދައި އަމަލުކުރަން ފަށަން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރާއްޖެއަށް 1،000 ކޯޓާ ދޭއިރު ހައްޖު ކޯޕަރޭޝަންގެ ކިއު ފަޅާލައި މީހުން ހައްޖަށް ގެންދާކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.
މި އަހަރު ވެސް ހައްޖަށް ދިޔަ މީހުންގެ ތެރޭގައި މީގެ ކުރިން ފައިސާ ދައްކާފައި ތިބި މީހުންނަށް ވުރެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުންނަށް އިސްކަން ދިން ކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment